އަރަބިއްޔާ ގާކޮށި ފްލެޓް ބޮޑު އިންޓްރެސްޓްގައި ލޯނު ނަގައިގެން ގަންނަން ޖެހުނު އާއިލާތަކުން އެދުނު ލުއި ހޯދައިދިނުމުގެ ގޮތުން، މި ސަރުކާރުން ހުޅުމާލޭގައި އަޅަމުން އަންނަ ފަހި ދިރިއުޅުމުގެ ފްލެޓްތަކުގެ ތެރެއިން 50 ފްލެޓް ދޭން ސަރުކާރުން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން" އަށް މިރޭ ވިދާޅުވީ، ބޮޑު އިންޓަރެސްޓުގައި ލޯނު ނަގައިގެން އަރަބިއްޔާ ގާކޮށި ފްލެޓް ގަންނަން ޖެހުނު އާއިލާތަކަށް ބޭންކު މެދުވެރިކޮށް ލުޔެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން އެ އާއިލާތަކަށް ފްލެޓް ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ކުރިންވެސް ދީފައިވާނެ ކަމަށެވެ.
އަކްރަމް ވިދާޅުވީ، މި ސަރުކާރުން އެންމެ އަވަހަށް ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެ ފަރާތްތަކަށް ފްލެޓް ދޭނެ ކަމުގެ ޔަގީންކަމާއެކު ސަރުކާރުގެ ރަސްމީ ލިޔުމެއްވެސް އެ އާއިލާތަކަށް ދީފައިވާނެ ކަމަށެވެ.
"ރައީސްގެ ނިންމެވުމަކީ ފަހި ދިރިއުޅުމުގެ ތެރެއިން މިހާރު ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ ތެރެއިން ފްލެޓް ހަމަޖައްސައިދިނުން،" އަކްރަމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ އެ ފްލެޓްތަކުގެ ޑައުންޕޭމަންޓަށް 28،000 ރުފިޔާ ދައްކައި 20 އަހަރު ދުވަހުން ފައިސާ ދައްކައި ލާސްކުރާ ގޮތަށް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އޮތީ ފްލެޓް ގަތް ފަރާތްތަކަށް ދީފައެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން 2016 ވަނަ އަހަރު ނިންމަވާފައިވަނީ ފްލެޓްތަކުގެ އަގުގެ ގޮތުގައި ދެ މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން ޖެހޭ ގޮތަށެވެ. އޭގެ ފަހުން، ފްލެޓްތައް ވަނީ އެޗްޑީސީ (މިހާރުގެ އާބަންކޯ)ގެ ދަަށަށް ބަދަލުކޮށްފައެވެ. އެ ކުންފުނިން 2017 ނިންމީ، ފަސް އަހަރުން ދެ މިލިއަން ރުފިޔާ ދައްކައި އަގު ހަލާސްކުރާގޮތަށް މަހަކު 33،000 ރުފިޔާ ދެއްކުމަށެވެ.
އެހެންވެ، ގާކޮށި އަރަބިއްޔާ ފްލެޓް 47 އާއިލާއަކުން ގަނެފައި ވަނީ ބޭންކުން، 9-11 ޕަސަންޓުގައި 20-15 އަހަރުން ދައްކާ ގޮތަށް ލޯނު ނަގައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު