މި މަހުގެ ނުވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ލިބުނު ތަޖުރިބާއާއި ހުށަހެޅި ޝަކުވާތަކަށް ބަލައި، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ބަދަލުތަކެއް ގެނަސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިންތިހާބީ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ފުރަތަމަ ބުރުގައި ވޯޓު ގުނަމުންދިޔައިރު، އޮބްޒާވަރުންނާއި މޮނީޓަރުން ނުފޫޒު ފޫރުވަން މަަސައްކަތް ކުރުމުގެ ސަބަބުން ބާތިލު ވޯޓު ކަނޑައެޅުމުގައި ވޯޓުލާ ބައެއް މަރުކަޒުތަކުގެ ވެރިންނަށް ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅުމުގައި އެކި މަރުކަޒުތަކުން އެކި ގޮތަށް އަމަލު ކޮށްފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅުމުގައި ހުރިހާ މަރުކަޒަކުން އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށް އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ތަމްރީންތައް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ލިބުނު އެހެން ޝަކުވާތައް ފާހަގަކުރައްވައި ހަބީބު ވިދާޅުވީ، ވޯޓުލާ މަރުކަޒުތަކުގެ ޖާގަ ކުޑަވުމާއި ވޯޓިން ބޫތު ބަހައްޓާފައި ހުރި ގޮތާ ގުޅޭ ގޮތުން ލިބުނު ޝަކުވާތަކަށް ބަލައި، ފުރަތަމަ ބުރުގައި ވޯޓުލީ މަރުކަޒުތަކުގެ ތެރެއިން 43 މަރުކަޒެއް ހުރި ތަން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި 500 އަށްވުރެ ގިނަ މީހުން ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 99 މަރުކަޒެއް ބަދަލުކޮށް، އެ ތަންތަނުގައި ދެ ސަފަށް ކިޔު ހަދައިގެން ވޯޓު ލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ވޯޓު ފޮށި މީހުންނަށް ދައްކައި އެހީތެރިވުމަށް ގްރައުންޑް މެނޭޖަރުންގެ ގޮތުގައި ކުރިއަށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެ ކަމަށާއި އެކަމުގެ ސަބަބުން ވޯޓުލުމުގެ ކަންކަން ފަސޭހަވެ، ވަގުތު ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ހަބީބު އިތުރަށް ވިދާޅުވީ، ދެވަނަ ބުރުގައި ވޯޓުލާއިރު ބޫތުތަކަށްވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މި ފަހަރު ބޫތުތައް ހުންނާނީ ފާހަގަޖަހާއިރު ބޫތުގެ އެތެރެއަށް މީހާ ވަންނަންޖެހޭ ގޮތަަށް ކަމަށާއި މިފަހަރު ވޯޓުގައި ފާހަގަޖަހާއިރު ކަރުދާސް ބާއްވާ ތަންވެސް ހުންނާނީ ބްރިސިލް ބޯޑެއް ބާއްވައި ފަސޭހައިން ފާހަގަޖެހޭނެ ގޮތަށް ކަމަށް ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި 146 ޝަކުވާއެއް ލިބިފައިވާއިރު، އޭގެ ތެރެއިން 126 ޝަކުވާއަކަށް މިހާރު ޖަވާބުދީފައިވާ ކަމަށެވެ. އަދި ބާކީ ހުރި ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު