އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރީ-ރެޖިސްޓްރޭޝަންގެ މައްސަލައާ ގުޅިގެން ޝަކުވާ ހުށަހަޅަން ރޭ ހުޅުވާލި ފުރުސަތުގައި މިހާތަނަށް 34 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭ މައި މަރުކަޒުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ، ރީ-ރަޖިސްޓްރޭޝަނަށް ފޯމު ހުށަނާޅައި، ފޯމު ހުށަހެޅި ކަމަށް ކޮށްފައިވާ ޝަކުވާތައް ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ނަމަވެސް ރީ-ރަޖިސްޓްރޭޝަނަށް ފޯމު ހުށަހަޅާފައިވާ ނަމަ، އެކަން އެނގޭނެ ކަމަށް ވިދާޅުވިއެވެ.

"އޮންލައިންކޮށް ފޯމު ހުށަހެޅިޔަސް އެކަން އެނގޭނެ އެ ބޭފުޅަކަށްވެސް، މެސެޖެއް ލިބިވަޑައިގަންނަވާނެ އޯޓީޕީގެ އިތުރަށް، އެ ކަހަލަ ހެތްކެއް އޮތިއްޔާ ހެތްކާއެކު ޝަކުވާ ހުށަހެޅީމަ ބަލަން ފަސޭހަވާނެ، ޕޯޓަލްގައިވެސް އެއްވެސް މައްސަލައެއް ނޫޅޭ،" ހަބީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު މިރޭ 9:00 އަށް ހަމަވާއިރު ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ. އެހެންކަމުން ވޯޓުލުމަށް ހަމަޖެހިފައިވާ ތަން ޔަގީންކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އީސީން ބުނި ގޮތުގައި ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅީ 50،047 މީހުންނެވެ. އެއީ އޮންލައިންކޮށް ހުށަހެޅި 26،011 މީހުންނާއި ފޯމުން ހުށަހެޅި 24،036 މީހުންނެވެ. އޭގެ ތެރެއިން ސައްހަ ވެފައިވަނީ އޮންލައިންކޮށް ހުށަހެޅި 20،902 މީހަކާއި ފޯމުން ހުށަހެޅި 17،861 މީހުންނާއެކު ޖުމުލަ 28،763 މީހެކެވެ. ސައްހަކަން ކަށަވަރު ނުވީ، އޮންލައިންކޮށް ހުށަހެޅި 5،109 މީހުންނާއި ފޯމުން ހުށަހެޅި 6،175 މީހުންނާއެކު ޖުމުލަ 11،284 މީހުން ކަމަށް އީސީން ބުންޏެވެ.

"އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ ފޮޓޯއިން މީހާ ކަށަވަރު ނުވުމާއި މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅުން. ފޯމުގެ ސައްހަކަން ކަށަވަރު ނުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ފިންގާ ޕްރިންޓް ނެތުމާއި ހެކިންގެ މައުލޫމާތު ދިމާ ނުވުމާއި ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުން. ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކަށްވެސް، ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނުން ކޮށްދެ ވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށް ދެވުނު،" ހަބީބު ވިދާޅުވިއެވެ.