ވިލިމާލޭ ޕާކެއްގެ ތެރޭގައި ގުރޫޕަކުން ހަމަލާދީ ނ. މާޅެންދޫ/ ވައިޓް ހައުސް، އަހުމަދު މިރުޒާ މަރާލިކަން ސާބިތުވެ، މަރަން ހުކުމްކުރި، ޏ. ފުވައްމުލަކު ޒާވިއާ އަބްދުالله ނަޒީފަށް މިރުޒާގެ ހުރިހާ ވާރިސުން މައާފުދީފައިވާތީ، އޭނާގެ މައްޗަށް ތައުޒީރީ އަދަބެއް ކަނޑައަޅަން ހައިކޯޓުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
މިރުޒާ މަރައިލީ 2011 ގައި ވިލިމާލޭ ޕާކު ތެރޭގައި އޭނާގެ ބޮލުގައި ލަކުޑިބުރިއަކުން ޖަހައިގެންނެވެ. މިރުޒާ މަރުވީ މި ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ.
މި މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އިރު، މިރުޒާގެ ބައްޕަ ހިމެނޭގޮތުން އޭނާގެ ވާރިސުން އެދިފައިވަނީ އޭނާގެ މަރުގެ ބަދަލުގައި، ނަޒީފްއަށް މަރުގެ އަދަބު ދިނުމަށެވެ. އެހެންކަމުން ކުރިމިނަލް ކޯޓުން ނަޒީފު މެރުމަށް ހުކުމް ކުރިއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ނަޒީފު މެރުމަށް ކުރިިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދު ކުރިއެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދިޔައިރު، މިރުޒާގެ ހުރިހާ ވާރިސުން ނަޒީފަށް މައާފުދީ މިރުޒާގެ މަރުގެ ބަދަލުގައި ގިސާސް ހިފުމަށް ބޭނުން ނުވާކަމަށް ބުންޏެވެ. އެހެންކަމުން ގުޅިގެން އޭނާ މަރަން ކުރި ހުކުމުން ނަޒީފު ސަލާމަތްވިއެވެ.
އިސްލާމީ ޝަރީއަތުގައި ހާކިމްއަށް ލިބިގެންވާ ބާރުގެ ދަށުން މި މައްސަލައިގައި ގާނޫނުލް އުގޫބާތުގެ ދަށުން ނަޒީފަށް ތައުޒީރީ އަދަބެއް ކަނޑައަޅަންޖެހޭ ކަމަށް، ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، އެ އަދަބުގެ މިންވަރު ކަނޑައެޅުމަށް މި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށްޓަކައި، ހައިކޯޓަށް މައްސަލަ ފޮނުވައިލިއެވެ.
މި މައްސަލަ ހައިކޯޓަށް ފޮނުވައިލުމުން، އެ ކޯޓުގައި ކުރިއަށް ގެންދިއަ ޝަރީއަތުގެ މަޖިލީހުގައި މައްސަލައިގެ ހަސްމުންނަށް ދިން ފުރުސަތުގައ،ި ފާހަގަކުރާނެ އިތުރުކަމެއް ނެތްކަމަށް ދެ ފަރާތުންވެސް ވަނީ ބުނެފައެވެ.
އެހެންކަމުން މި މައްސަލައިގައި ނަޒީފުގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި މިއދު ވަނީ ހުކުމް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު