ހދ. އަތޮޅުގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ މަކުނުދޫ ފަޅުގައި އޮންނަ ދިއްޕަރުފުށީގައި ސޮނޭވާ އިން ތަރައްގީކުރާ އާ ރިސޯޓް ހުޅުވުން އަންނަ ޖެނުއަރީއަށް ފަސްކޮށް ބުކިންއަށް ހުޅުވާލައިފިއެވެ.
ރިޕޯޓްތައް ކުރިން ބުނެފައިވާ ގޮތުން، 'ސޮނޭވާ ސީކްރެޓް'ގެ ނަމުގައި ހުޅުވާ އެ ރިސޯޓް ކުރިން ހުޅުވަން ނިންމާފައި އޮތީ މި އަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ރާއްޖެއާއި ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، އެ ރިސޯޓް މިހާރު ހުޅުވަން ނިންމާފައިވަނީ 10 ޖެނުއަރީ 2024ގައެވެ.
މިއީ ރާއްޖޭގައި އެންމެ މަތީ ފަންތީގެ ރިސޯޓުތައް ހިންގާ ސޮނޭވާ ބްރޭންޑުގެ ދަށުން ރާއްޖޭގައި ހިންގާނެ ތިންވަނަ ރިސޯޓެވެ. ސޮނޭވާ އިން މިހާރު ހިންގާ ރިސޯޓްތަކަކީ ސޮނެވާ ފުށި އަދި ސޮނެވާ ޖާނީއެވެ. އޭގެ އިތުރުން ސޮނެވާއިން އަކުއާގެ ނަމުގައި އެ ކުންފުނިން ޗާޓާޑް ޔޮޓެއް އޮވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭނެއްގައި ފުރައިގެން 75 މިނެޓުން ދެވޭ ސޮނެވާ ސީކްރެޓަށް ކުޅުދުއްފުށި އެއާޕޯޓުން އެއްގަޑިއިރު ތެރޭގައި ދެވޭނެއެވެ.
ގާތްގަނޑަކަށް 40 މިލިއަން އެމެރިކާ ޑޮލަރު (614 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ އެ ރިސޯޓުގައި ބީޗް އަދި އޯވާވޯޓާ ވިލާތައް ހިމަނައިގެން 14 ވިލާ ހުރެއެވެ. އޭގެ ތެރޭގައި ލެގޫން ކްރޫސޯވެސް ހިމެނެއެވެ. އެއީ ބޯޓަކުން ދެވޭ ގޮތަށް ހުންނަ ވިލާތަކެކެވެ.
ހދ. އަތޮޅުގައި މިވަގުތު އޮންނަނީ އެންމެ ރިސޯޓެކެވެ. އެއީ ދިވެހި ކުންފުންޏެއް ކަމަށްވާ ތްރީ އޭ އިން ހިންގާ ހޮނޑާފުށި ރިސޯޓެވެ. މިއީ 118 އެނދުގެ ރިސޯޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު