ގާނޫނުއަސާސީން ރައްޔިތުންނާ ކަށަވަރުކޮށްދޭ ހައްގުތައް ލިބިދޭކަން ކަށަވަރުކުރަން މުޅިން އާ މުއައްސަސާއެއް އުފައްދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ރޭ ހުޅުދުއްފާރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރު ބިނާކުރާނީ އަދުލުވެރި އަދި އިންސާފުވެރި ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.

"ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި ހައްގެއް ނުލިބޭ ކަމުގެ ޝަކުވާ ހުށަހެޅޭނެ ތަނެއް ހުންނާނެ، ސިވިލް ރައިޓްސް ޑިޕާޓްމަންޓް ބޭރު ބައެއް ގައުމުތަކުގައި ހުރޭ، އެ ފަދަ މުއައްސަސާއެއް، މީގައި މުހިންމީ ނަމެއް ނޫން، ކަންވުން" މި ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުގެ ސަބަބުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ލިބިދޭކަން ކަށަވަރުނުވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ އިއްޒަތެއް އަދި ޝަރަފެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި އެ މަގާމަކީ ރައްޔިތުން ހަވާލުކުރާ ބޮޑު ޒިންމާއެއް އަދި އަމާނާތެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލެއްނުކުރަން އެއްވެސް ހާލެއްގައި ވެރިކަމަކީ ބޮޑު އިއްޒަތެއް، ޝަރަފެއްގެ ގޮތުގައި. ކުރިމަތިލާފަ މި ހުރި މަގާމަކީ އެ މަގާމުގެ އިއްޒަތެއް ޝަރަފެއް ނޯންނާނެ އެ އިއްޒަތާއި ޝަރަފު ހޯދަން ލިބޭ ސަބަބު އެއީ ބޮޑު ޒިންމާއެއްކަން ނޭނގޭ ހާލަކު. މިއީ ވަރަށް ބޮޑު ޒިންމާއަކާ ކުރިމަތިލާން މި ޖެހުނީ. އަޅުގަނޑު ގަބޫލުކުރާނީ މިއީ ވަރަށް ބޮޑު އަމާނާތެއްގެ ގޮތުގައި،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާ ރައްޔިތުންގެ ގާތަށް ދަނީ އެ އަމާނަތް އަދި އެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ތެދުވެރިކަމާއެކު ކޮށްދެވޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.