ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ އިއްޒަތެއް އަދި ޝަރަފެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މިއަދު ހުޅުދުއްފާރަށް ވަޑައިގެން މިރޭ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ރައްޔިތުން ހަވާލުކުރާ ބޮޑު ޒިންމާއެއް އަދި އަމާނާތެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލެއްނުކުރަން އެއްވެސް ހާލެއްގައި ވެރިކަމަކީ ބޮޑު އިއްޒަތެއް ޝަރަފެއްގެ ގޮތުގަ މި މަގާމަކީ. މި މަގާމަކީ، ކުރިމަތިލާފަ މިހުރި މަގާމަކީ އެ މަގާމުގެ އިއްޒަތެއް ޝަރަފެއް ނޯންނާނެ އެ އިއްޒަތާއި ޝަރަފު ހޯދަން ލިބޭ ސަބަބު އެއީ ބޮޑު ޒިންމާއެއްކަން ނޭނގޭ ހާލަކު. މިއީ ވަރަށް ބޮޑު ޒިންމާއަކާ ކުރިމަތިލާން މި ޖެހުނީ. އަޅުގަނޑު ގަބޫލުކުރާނީ މިއީ ވަރަށް ބޮޑު އަމާނާތެއްގެ ގޮތުގައި،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާ ރައްޔިތުންގެ ގާތަށް އަންނަނީ އެ އަމާނަތް އަދި އެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ތެދުވެރިކަމާއެކު ކޮށްދެވޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އޭނާގެ ސަރުކާރު ކުރިއަށްގެންދާނީ އަދުލުވެރި އަދި އިންސާފުވެރި ސަރުކާރެއްގެ ގޮތުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގުތިސޯދު ވެއްޓިފައި މިވާ އަނދަވަޅުން ސަލާމަތް ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހުޅުދުއްފާރު ރައްޔިތުންގެ އިގުތިސޯދީ ނަފާ ހޯދައިދޭ ތަނަކަށް ގާއުނގޫދޫ ހަދައިދޭނެ ކަމަށްވެސް މުއިއްޒު މިރޭ ވިދާޅުވިއެވެ.

"އިގުތިސޯދީ ނަފާ ހޯދުމަށްޓަކައި ތިބޭފުޅުންގެ އިހުތިސޯސްގެ ތެރޭގައި އޮންނަ ގާއުނގޫދޫ މިހާރު އެހެން ފަރާތަކަށް މަސައްކަތް ކުރަން ދެވިފައި ކަމަށް މައުލޫމާތު ލިބޭ. ދެން އެހެންވީމާ އެގްރީމެންޓެއް ވެސް އޮންނާނެ. އޭގަ ބަލަންޖެހޭ ކަންކަން އެހެންވީމާ ހުންނާނެ. ކޮންމެގޮތެއް ވިޔަސް، އެ އޮންނަ އުސޫލަކުން ބަލައި އެކަން އެ އެގްރީމެންޓުން އަނބުރާ ނަގައި ތިބޭފުޅުންނަށް އިގުތިސޯދީ ނަފާ ހޯދޭނެ ގޮތަކަށް ހެދުމަށްޓަކައި މަސައްކަތްކުރާނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހުޅުދުއްފާރުގެ ލޭންޑު ޔޫސް ޕްލޭނުގައި މޫދަށް އެރޭނެ ތަނެއް ހިމަނައި، ހުށަހަޅައިފިނަމަ، މޫދަށް އެރޭނެ ސަރަހައްދެއް ހަދައިދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ކުޅިވަޅު ކުޅޭ ޒުވާނުންނަށް ހާއްސަ އިންޑޯ އަދި އައުޓްޑޯ ފެސިލިޓީތަސް ހަދައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުން ހުޅުދުއްފާރުގައި ފަށައިފައިވާ އަދި ފެށިފައި ކުރިއަށް ނުދާ މަޝްރޫއުތަކުގެ މަސައްކަތް އަވަސްކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް އެ މަޝްރޫއުތަކުގެ މަސައްކަތް ނިންމާލާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނަގަމުންދާ ކަމަށާއި އެ މުވައްޒަފުން ވަޒީފާއީން ކަނޑާލާނެ ކަމަށް ބުނެ ވާދަވެރި ފަރާތްތަކުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ ވެރިކަމެއްގައި އެގޮތަށް ވަޒީފާއަށް ނަގައިފައިވާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ކަނޑާނުލާނެކަމުގެ ޔަގީންކަން ދެއްވާކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ކުންފުނިތަކުގައި އާއި ސަރުކާރުގެ ވުޒާރާތަކުގައި ތިބި ސިޔާސީ މީހުން ވަޒީފާއީން ވަކިކުރާނެ ކަމަށާއި ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަކީ ކޮންމެ ސަރުކާރަކާއެކު ބަދަލުވާ ބައެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރު ހަލާތު އޮތްގޮތުގެ ސަބަބުން އަމިއްލައަށް ކަންކަން ނިންމުމުގެ ބާރެއް ނެތް ކަމަށެވެ. ސިއްރު އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މިނިވަންކަން ގެއްލިފައިވާ ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ވެސް ސިޔާސީ މިނިވަންކަން ނެތުމުގެ ސަބަބުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރާއްޖެ މިހާރު ވަނީ ދިވެހިންގެ އަތުން ބީވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާގެ ސަރުކާރެއްގައި ހާރިޖީ ސިޔާސަތު ބައްޓަންކުރާނީ ދިވެހިން އިސްކޮށް، ރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިސްލާމް މާއްދާ، އިނގިރޭސި ބަހުން ކިޔަވައިދިނުން ރައްޔިތުން ބަލައިނުގަންނަ ކަމަށާއި އެކަމަކީ ދަރިވަރުން ދިވެހިބަހާއި އިސްލާމްދީނާ ދުރުކުރުމަށް ކުރާކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަންތައް ހުއްޓުވުމަށް މި ރިޔާސީ އިންތިހާބުގައި އޭނާއަށް ވޯޓުލާން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން 30 މިލިއަން ރުފިޔާ ދީފައި ހޯދަން އުޅުނު ވެންޓިލޭޓަރު ވީ ތަނަކާއި، އެ ފައިސާއަށް ވީގޮތް ކިޔައިނުދީ ސަރުކާރުން ވޯޓު ހޯދުމަށް ރައްޔިތުންނާ ހަމައަށް އަންނަނީ "މޯލް ރެސްޕޮންސިބިލިޓީ"އެއް ނެތުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ތިލަމާލެ ބުރިޖު ބޭނުންކުރެވޭނެ ކަމަށްބުނެ، 190 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ބުންޏަސް، އަދި ފެންނަން ހުރީ ތަނބުތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއީ ސިޔާސީ ޕާޓީއަކަށް ވެގެން ނުފެންނަން ހުރި ހަގީގަތެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ބުރިޖުގެ މަސައްކަތް ނިންމާނީ އޭނާގެ ވެރިކަމެއްގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.