ރ. ހުޅުދުއްފާރު ރައްޔިތުންގެ އިގުތިސޯދީ ނަފާ ހޯދައިދޭ ތަނަކަށް ގާއުނގޫދޫ ހަދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މިއަދު ހުޅުދުއްފާރަށް ވަޑައިގެން މިރޭ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ގާއުނގޫދޫ އަނބުރާ ހޯދަން ކުރާ މަސައްކަތް ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އިގުތިސޯދީ ނަފާ ހޯދުމަށްޓަކައި ތިބޭފުޅުންގެ އިހުތިސޯސްގެ ތެރޭގައި އޮންނަ ގާއުނގޫދޫ މިހާރު އެހެން ފަރާތަކަށް މަސައްކަތް ކުރަން ދެވިފައި ކަމަށް މައުލޫމާތު ލިބޭ. ދެން އެހެންވީމާ އެގްރީމެންޓެއް ވެސް އޮންނާނެ. އޭގަ ބަލަންޖެހޭ ކަންކަން އެހެންވީމާ ހުންނާނެ. ކޮންމެގޮތެއް ވިޔަސް އެ އޮންނަ އުސޫލަކުން ބަލައި، އެކަން އެ އެގްރީމެންޓުން އަނބުރާ ނަގައި ތިބޭފުޅުންނަށް އިގުތިސޯދީ ނަފާ ހޯދޭނެ ގޮތަކަށް ހެދުމަށްޓަކައި މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހުޅުދުއްފާރުގެ ލޭންޑު ޔޫސް ޕްލޭނުގައި މޫދަށް އެރޭނެ ތަނެއް ހިމަނައި، ހުށަހަޅައިފިނަމަ، މޫދަށް އެރޭނެ ސަރަހައްދެއް ހަދައިދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކުޅިވަޅު ކުޅޭ ޒުވާނުންނަށް ހާއްސަ އިންޑޯ އަދި އައުޓްޑޯ ފެސިލިޓީތައް ހަދައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުން ހުޅުދުއްފާރުގައި ފަށައިފައިވާ އަދި ފެށިފައި ކުރިއަށް ނުދާ މަޝްރޫއުތަކުގެ މަސައްކަތް އަވަސްކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް އެ މަޝްރޫއުތަކުގެ މަސައްކަތް ނިންމާލާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނަގަމުންދާ ކަމަށާއި އެ މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމަށް ބުނެ ވާދަވެރި ފަރާތްތަކުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެގޮތަށް ވަޒީފާއަށް ނަގައިފައިވާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ކަނޑާނުލާނެކަމުގެ ޔަގީންކަން ދެއްވާކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ކުންފުނިތަކުގައި އާއި ސަރުކާރުގެ ވުޒާރާތަކުގައި ތިބި ސިޔާަސީ މީހުން ވަޒީފާއީން ވަކިކުރާނެ ކަމަށާއި ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަކީ ކޮންމެ ސަރުކާރަކާއެކު ބަދަލުވާ ބައެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ މިހާރު ހަލާތު އޮތްގޮތުގެ ސަބަބުން އަމިއްލައަށް ކަންކަން ނިންމުމުގެ ބާރެއް ނެތް ކަމަށެވެ. ސިއްރު އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މިނިވަންކަން ގެއްލިފައިވާ ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ވެސް ސިޔާސީ މިނިވަންކަން ނެތުމުގެ ސަބަބުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރާއްޖެ މިހާރު ވަނީ ދިވެހިންގެ އަތުން ބީވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާގެ ސަރުކާރެއްގައި ހާރިޖީ ސިޔާސަތު ބައްޓަންކުރާނީ ދިވެހިން އިސްކޮށް، ރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިސްލާމް މާއްދާ، އިނގިރޭސި ބަހުން ކިޔަވައިދިނުން ރައްޔިތުން ބަލައިނުގަންނަ ކަމަށާއި އެކަމަކީ ދަރިވަރުން ދިވެހިބަހާއި އިސްލާމްދީނާ ދުރުކުރުމަށް ކުރާކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަންތައް ހުއްޓުވުމަށް މި ރިޔާސީ އިންތިހާބުގައި އޭނާއަށް ވޯޓުލާން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން 30 މިލިއަން ރުފިޔާ ދީފައި ހޯދަން އުޅުނު ވެންޓިލޭޓަރު ވީ ތަނަކާއި، އެ ފައިސާއަށް ވީގޮތް ކިޔައިނުދީ ސަރުކާރުން ވޯޓު ހޯދުމަށް ރައްޔިތުންނާ ހަމައަށް އަންނަނީ "މޯލް ރެސްޕޮންސިބިލިޓީ"އެއް ނެތުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން ތިލަމާލެ ބުރިޖު ބޭނުންކުރެވޭނެ ކަމަށްބުނެ، 190 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ބުންޏަސް، އަދި ފެންނަން ހުރީ ތަނބުތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއީ ސިޔާސީ ޕާޓީއަކަށް ވެގެން ނުފެންނަން ހުރި ހަގީގަތެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ބުރިޖުގެ މަސައްކަތް ނިންމާނީ އޭނާގެ ވެރިކަމެއްގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު