ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި އޮތް ފަދަ އެޓޯލްސް މިނިސްޓްރީއެއް އުފައްދަވަން ނޫޅުއްވާ ކަމަށާއި އުޅުއްވަނީ ކައުންސިލު ނިޒާމު ހަރުދަނާކުރައްވަން ކަމަށް ވިދާޅުވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައްދުދެއްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މިދިޔަ އާދީއްތަ ދުވަހު ހދ. ފިނޭއަށް ވަޑައިގެން، އެ ރަށުގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ކައުންސިލުތައް ރަނގަޅަށް ކުރިއަށްގެންދިއުމަށް އެކަމަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ފާޑުވިދާޅުވެފައެވެ.

ރައީސް ސޯލިހު މިދިޔަ ހޯމަ ދުވަހު ކުރިއަށްގެންދިޔަ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ، އިދިކޮޅުން މަސައްކަތް ކުރަނީ ހުރިހާ ބާރުތަކެއް މާލެއަށް ޖަމާކުރަން ކަމަށާއި ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތައް ސަސްޕެންޑުކޮށް ހުރިހާ ބާރުތަކެއް ކަނޑުވާލި ކަމަށެވެ. އަދި މިނިސްޓްރީއެއް ހެދުމަށް މުއިއްޒު ދެއްކެވި ވާހަކައިން ފެނިގެންދަނީ ބިރުވެރި މަންޒަރެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކެމްޕޭނަށް މިއަދު ނ. ޅޮއްސަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ވާހަކަ އޮޅުވާލައިގެން ދައްކަމުންދާ ކަމަށާއި ބޭނުންވަނީ ހަމައެކަނި ނިޒާމުގައި ހުރި ކަންކަން ހަރުދަނާކުރުމަށް ކަމަށެވެ.

"ރައްޔިތުން ބޭނުންވާ ކަންކަން ދުވަހުން ދުވަހަށް އަޑުއަހާ ސަރުކާރަކަށް އަޅުގަނޑުމެން ވާނެ. އެޓޮލްސް މިނިސްޓްރީ ހަދާކަށް ނޫޅެން. މިއުޅޭނީ ކައުންސިލް ނިޒާމު ހަރުދަނާކުރަން. ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު އަޑުއަހާ ފުލްޓައިމް މިނިސްޓަރެއް އައްޔަންކުރަން. ލާމަރުކަޒީ ނިޒާމުގެ ރެގިއުލޭޓަރީ ބޮޑީއަކީ އެލްޖީއޭ. އެތަން ބަލަހައްޓަވަނީ ހޯމް މިނިސްޓްރީން. ހޯމް މިނިސްޓްރީގެ މެންޑޭޓް ވަރަށް ބޮޑުވީމަ އެތަނުން ކައުންސިލްތަކަށް ބޭނުންވާ ކަންކަން ދުވަހުން ދުވަހަކަށް ހަމަނުޖެހޭ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިހާރުވެސް އޮންނަ ގޮތަށް ކައުންސިލްތަކުން ސީދާ މިނިސްޓްރީތަކަށް ގުޅައިގެން ކަންކަންކުރެވޭނެ ކަމަށާއި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އޮތީމަ ކައުންސިލްތަކުން ބޭނުންވާ ކަންކަން ދުވަހުން ދުވަހަށް ކުރެވޭނެ ކަމަށެވެ.