ޚަބަރު

ބިންވެރިޔާ ސްކީމުން ހުޅުމާލެއިން ދޫކުރި ގޯތިތައް 10 ބުރިއަށް ހެދޭ ގޮތަށް އުސޫލު އިސްލާހުކުރަނީ

މުހައްމަދު އިޝާން

ބިންވެރިޔާ ސްކީމުން ހުޅުމާލެއިން ދޫކުރި ގޯތިތައް 10 ބުރިއަށް ހެދޭ ގޮތަށް އުސޫލު އިސްލާހުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން މިއަދު އާންމުކުރި "ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތިތަކުގައި އިމާރާތް ކުރުމުގެ އުސޫލު" ގައިވާ ގޮތުގައި އެ ބިންތަކުގައި ހަ ފަންގިފިލާއަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެއެވެ. އެގޮތުން އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރު ކަމަށާއި ފަސް ބުރިއަށްވުރެ މައްޗަށް ނަގާނަމަ، ލިފްޓު ލާން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ބިންތަކުގައި ގުދަން ނުހެދޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އިމާރާތުގެ ކުރިމަތީ ފުޅާމިނަށްވުރެ އިމާރާތުގެ ކުރިމަތީ ސެޓްބެކްގެ ތެރެއަށް ޕޭމަންޓް ލެވެލްއިން ފެށިގެން ތިން މީޓަރު ނެރެވިދާނެ ކަމަށާއި ސެޓްބެކްގެ ތެރެއަށް ނެރޭބަ އި އިމާރާތުގެ ބައެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޓެރަހެއް ލާނަމަ ދުވާރުން ޓެރަސް ސްލެބް ނުވަތަ ޑެކްގެ މަތީ ކައިރިއާ ހަމައަށް އެއީ އިމާރާތުގެ އުސްމިން ކަމުގައި ބަލާނެއެވެ.

ނަމަވެސް އެ ފަހުން މިއަދު ހަވީރު އާބަންކޯއިން ކުރި އިއުލާނެއްގައި ބުނީ، ގޯތި ލިބުނު މީހުންގެ ތެރެއިން ގިނަ މީހުން އެ ތަނުގައި ގެދޮރު އިމާރަތްކުރުމުގެ ހުއްދައަށް އެދެމުންދާ ކަމަށެވެ. އެހެންވެ އެ މަސައްކަތް ފަށޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން އިމާރަތްކުރުމާ ގުޅޭ އުސޫލު އާންމުކޮށްފައިވާ ކަމަށެވެ.

"މި އުސޫލުގައި އިމާރާތް ކުރެވޭނެ ފަންގިފިލާގެ އުސްމިނަކީ ހަ ފަންގިފިލާ ކަމުގައިވީ ނަމަވެސް މި އުސްމިނަށް ބަދަލު އަންނާނެކަން ފާހަގަކުރަމެވެ. މިގޮތުން، މިހާރު ވެސް މި ކޯޕަރޭޝަނުން ވަނީ އިމާރާތުގެ އުސްމިން 10 ފަންގިފިލާއަށް ބަދަލުކުރުމަށް ނިންމައި ގަވައިދު އެކުލަވާލައިފައެވެ. އަދި ކަމާބެހޭ ވުޒާރާތަކުން ފާސްކޮށް ގެޒެޓްކުރުމާއެކު 10 ފަންގިފިލާގެ ގަވައިދަށް އަމަލު ކުރެވެން ފަށާނެއެވެ" އާބަންކޯއިން ބުންޏެވެ.

އެހެންކަމުން މިހާރު އެއްވެސް އުސޫލެއް ނެތި މަސައްކަތް ނުފެށިފައިވާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުންޏެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން 18،955 މީހަކަށް ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެއީ 9،001 ގޯއްޗެވެ. އޭގެ ތެރެއިން ހުޅުމާލެއިން 1،351 މީހަކަށް ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ.