ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްގެން، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމުގެ ވޯޓެއް ނެގިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމްއެންޕީގެ މެންބަރު، ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ހާލަތެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ނަމަވެސް ވެރިމުގެ ނިޒާމާބެހޭގޮތުން ވޯޓެއް ނަގަންޖެހޭ ކަމަށް ވަރަށް ގިނަ ރައްޔިތުން ވާހަކަ ދައްކަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. "އުސޫލެއްގެ ގޮތުން އެ ފަދަ ވޯޓެއް ނެގުމާ އަޅުގަނޑު ދެކޮޅެއް ނޫން، ގިނަ ރައްޔިތުން އެކަމަށް އެދޭނަމަ އެއީ ކުރުން ރަނގަޅު ކަމެއް،" ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުން ފަދަ މުހިއްމު ކަމެއް ކުރާއިރު، އެއީ އަވަސް އަރުވާލައިގެން ކުރާ ބާވަތުގެ ކަމެއް ނޫން ކަމަށާއި އެ ނިޒާމުގެ މައުލޫމާތު ފުރިހަމައަށް ރައްޔިތުންނަށް ދިނުމުގެ އިތުރުން، ގާނޫނީ އެފަދަ ވޯޓަކަށް ދާން ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން އެކަން ކުރުމަށް ބަލާއިރު، އެކަން ކުރާނެ ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި އެފަދަ ވޯޓެއް ނަގަން ހުށަހަޅާނެ ގޮތެއްވެސް އަދި އެކަން ކުރުމަށްތަކައި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތެއްވެސް ގާނޫނުއަސާސީން ކަނޑައަޅާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން އެކަން ކުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގައި، މަޖިލީހަށް ހުށަހަޅާ ގަރާރުގެ ވާހަކަ ބަޔާންކުރާ އިރު، މަޖިލީހަށް ގަރާރެއް ހުށަހެޅެނީ ހަމައެކަނި މަޖިލީހުން ކަމަކާމެދު ދެކޭގޮތް ހާމަ ކުރުމަށްޓަކައި ކަމަށެވެ.
އެގޮތުން މީގެ ކުރިން މަޖިލީހަށް ހުށަހަޅާ ގަރާރުތަކުގައި އަމަލު ކޮށްފައިވާ ސުއޫލުތަކަށް ބަލާއިރު، ގަރާރު ހުށަހަޅައިގެން އަދި ގަރާރެއް ފާސްކުރާ ހިސާބުން އެކަމެއް ނިމުނީ ކަމަށްވެސް ވިދާޅުވިއެވެ.
"އޭގެ ޒާތުވައިވެސް ގަރާރަކީ އޭތި ފާސްކުރީމަ، އޭގެ ބޭރުން ދެން އެހެންކަމެއް ކުރަންޖެހޭ އެއްޗެއް ނޫން، އެހެންވީމާ މަޖިލީހުން ގަރާރެއް ފާސްކޮށްގެން އީސީގެ މައްޗަށް ކަމެއް ލާޒިމް ކުރެވިދާނެތޯ" ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު