ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގޮތަށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ކުރިން، ފުރަތަމަ ނަގަން ޖެހޭނީ ރާއްޖޭގައި ޕާޓީ ސިސްޓަމެއް އޮތުމަށް ރައްޔިތުން އެދޭތޯ ނުވަތަ ފެނޭތޯ ބެލުމުގެ އާއްމު ވޯޓެއް ކަމަށް އެމްޑީއޭގެ ނައިބު ރައީސް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.
ނިޒާމީ ވޯޓުގެ ގަރާރާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ރައްޔިތުންގެ އާއްމު ވޯޓަކަށް ދިއުމުގެ މައްސަލަކީ އަލަށް ދިމާވި މައްސަލައެއް ކަމަށެވެ.
މިވަގުތު ގައުމަށް ދިމާވެގެން އުޅޭ މައްސަލަތަކަށް ބަލާއިރު މިފަދަ ވޯޓުތަކަށް ދާން ޖެހިފައިވަނީ، ރައްޔިތުންގެ ކައިރީގައި ނާހައި ކަންތައްތައް ކުރުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ ގާތަށް ވޯޓަކަށް އަހަންދާ އިރު މިފަހަރު ކަންތައްތައް ކުރަން ޖެހޭނީ ތަރުތީބުންކަން ފާހަގަ ކުރައްވައި އާމިރު ވިދާޅުވީ، އެގޮތުން އެންމެ ފުރަތަމަ ނަގަން ޖެހޭނީ ރާއްޖޭގައި ސިޔާސީ ޕާޓީ ސިސްޓަމް އޮންނަ ފެނޭތޯ ބެލުމުގެ ވޯޓަކަށް ކަމަށެވެ. ރާއްޖޭއަށް ޕާޓީ ސިސްޓަމް ތައާރަފު ކޮށްފައި ވަނީ ރައްޔިތުންގެ ވޯޓަކަށް ނުގޮސް، ރައްޔިތުންގެ ކައިރީގައި ނާހައި ކަމަށްވެސް އާމިރު ވިދާޅުވިއެވެ.
ރާއްޖެއަށް ޕާޓީ ސިސްޓަމް ތައާރަފް ކޮށްފައި ވަނީ، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.
އާމިރު ވިދާޅުވީ، ތަރުތީބަށް ބަލާއިރު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމަށް އާއްމު ވޯޓެއް ނަގަން ޖެހޭނީ ޕާޓީސިސްޓަމާ ގުޅޭ ވޯޓެއް ނެގުމަށްފަހުގައެވެ. އަދި މަޖިލިސް އެތުރިފައިވަގޮތަށް އޭގެ ފަހުން ވޯޓެއް ނެގިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ޕާޓީ ސިސްޓަމް އޮންނަން ފެނޭތޯ ބެލުމުގެ ވޯޓެއް ނެގުމަށް މެންބަރު އާމިރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ވަނީ ތާއީދު ކުރައްވައިފައެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމު އައުމަކީ ވެރިކަމުގެ ނިޒާމުގެ މައްޗަށް ވިޔަފާރިވެރިންގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ވެރިކަން އަވަސް އަވަހަށް ބަދަލު ވުމުގެ ބިރު އޮތްކަމަށް ވެސް މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ވިދާޅުވިއެވެ.