ޗައިނާގެ ހާންގްޒޫގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓް ފެށުމުގެ ގޮތުން އަންގާރަ ދުވަހު ގްރޫޕް އޭގައި ކުޅުނު ދެމެޗުން އިންޑިޔާ އާއި ބަންގްލަދޭޝް ބަލިވެއްޖެއެވެ. އިންޑިޔާ ބަލިވީ ޗައިނާއާ ވާދަކޮށް ފަހެއް އެކަކުންނެވެ. ބަނގްލަދޭޝް ބަލިވީ ބަރުމާއާ ވާދަކޮށް އެކެއް ސުމަކުންނެވެ.
އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގެ ފިރިހެނުންގެބައި ކުރިއަށްދާނީ ސެޕްޓެމްބަރު ނަވާރައިން އޮކްޓޫބަރު ހަތަކަށެވެ. ފުޓްބޯޅައިގައި ވާދަކުރަނީ ޖުމްލަ ތޭވީސް ޓީމެވެ. މި ޓީމުތައް ބަހާލާފައިވަނީ ހަތަރު ޓީމު ހިމެނޭ ފަސް ގްރޫޕާއި ތިން ޓީމު ހިމެނޭ އެއް ގްރޫޕުގެ މައްޗަށެވެ.
އޭޝިއަން ގޭމްސްގެ ފުޓްބޯޅައިގައި ވާދަކުރަނީ ކޮންމެ ގައުމެއްގެވެސް ތޭވީސް އަހަރުން ދަށުގެ ޓީމެވެ. އެކަމަކު ކޮންމެ ޓީމެއްގައިވެސް އެއަށްވުރެ ދޮށީ ތިން ކުޅުންތެރިން ހިމެނިދާނެއެވެ. އިންޑިޔާގެ ޓީމުގައި ކެޕްޓަން ސުނިލް ޗެތުރީ ހިމަނާފައިވަނީ އޯވަރއޭޖް ތިންކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެއްގެ ގޮތުގައެވެ.
ކޮންމެ ގްރޫޕަކުންވެސް ސޯޅަ ޓީމުގެ ބުރު ކަށަވަރުވާނީ އެއްވަނަ އާއި ދެވަނަ ޓީމަށެވެ. އޭޝިއަން ގޭމްސްގެ ތާރީޚުގައި އެންމެ ގިނައިން ފިރިހެނުންގެ ފުޓްބޯޅައިން ރަން މެޑަލް ހޯދާފައިވަނީ ދެކުނު ކޮރެޔާއެވެ. ޖުމްލަ ފަސްފަހަރު ހޯދާފައިވެއެވެ. އީރާނަށް ރަން މެޑަލް ހޯދިފައިވަނީ ހަތަރު ފަހަރުއެވެ.