ކުރިއަށްއޮތް 2024 ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކްސްގައި އާޖެންޓީނާގެ ފުޓްބޯޅަ ޓީމަށް ކުޅުމުގެ ފުރުސަތު ލިއޯ މެސީ އާއި ޑިމަރިއާއަށް ހުޅުވާލައިފިއެވެ.
އޮލިމްޕިކްސްގައި ކޮންމެ ގައުމެއްވެސް ތަމްސީލުކުރަނީ އެތަނެއްގެ ޔޫތު ޓީމެކެވެ. މިގޮތުން ޕެރިހަށް ފޮނުވާނީ އާޖެންޓީނާގެ ވިހި އަހަރުން ދަށުގެ ޓީމެވެ. އެ ޓީމުގެ ކޯޗަކީ ހާވިއަރ މަޝެރާނޯއެވެ. އޭނާ ބުނެފައިވަނީ ޓީމުގައި ހިމަނަން އޭނާ ބޭނުންވާ އޯވަރއޭޖް ކުޅުންތެރިންގެ ތެރޭގައި މެސީ އާއި ޑިމަރިއާ ހިމެނޭ ކަމަށާއި އެދެ ކުޅުންތެރިންނަށް އިންތިޒާރު ކުރާ ކަމުގައެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި މެސީ ކުޅުމަކީ ފަހަރުގައި އޭނާގެ ރިކޯޑް ފުރިހަމަވެދާނެ ކަމެކެވެ. މެސީގެ ބައިނަލްއަގުވާމީ ކެރިއަރު އޭނާ ފެށީ ބެއިޖިން އޮލިމްޕިކްސްގެ ރަން މެޑެއްޔަކުންނެވެ. އެ ކެރިއަރު ޕެރިސް އޮލިމްޕިކްސްގެ ރަން މެޑެއްޔަކުން ނިންމައިލެވިދާނެއެވެ.
މެސީއާއި ޑިމަރިއާ އޮލިމްޕިކްސްގައި ކުޅޭނެކަން ކަށަވަރުނުވާއިރު އެންމެ ބޮޑު ހުރަހަކަށް ކުރިމަތިވާނީ އަންނަ އަހަރުގެ ބިޒީ ކަލަންޑަރެވެ. ދެކުނު އެމެރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާވެސް އެބައޮތެވެ. އާޖެންޓީނާއަކީ އެ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނެވެ. ކޮޕާ އެމެރިކާގައި ކުޅެން ބޭނުންވާ ކަމުގެ ސިގްނަލެއް މެސީވެސް ވަނީ ދީފައެވެ. މިފަހަރުގެ އޮލިމްޕިކްސްގައި ފްރާންސަށް ކުޅެން ބޭނުންވާ ކަމުގެ މެސެޖް ޕީއެސްޖީގެ ކީލިއަން އެމްބާޕޭވެސް ވަނީ ދީފައެވެ. ފްރާންސްގެ އޮލިމްޕިކް ޓީމުގެ ކޯޗަކީ ތިއަރީ އޮންރީއެވެ.