ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވަމުންދާއިރު ބަރުލަމާނީގެ ސައްލާތައް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ގަރާރު ބަލައިގަނެ، ރައްޔިތުން މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވަން އޭނާ ވޯޓު ދެއްވާފައިނުވާނެ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވަމުންދާ ވަގުތެއްގައި ވެރިކަމުގެ ނިޒާމާބެހޭ ސައްލާތައް ކުރުމަކީ ވަގުތާއި ހާލަތަށް ބަލާއިރު ރަނގަޅުކަމެއް ނޫން،" އާދަމް ޝަރީފު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރު މަޖިލީހަށް މިއަދު ބަލައިގަނެ ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ގަރާރަށް ބަހުސް ކުރުމަށްޓަަކައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވެގެން ޖަލްސާ ފެށީ 10:10 ގައެވެ. ކޯރަމް ނުވި މައްސަލައިގައި އެމްޑީޕީއަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

މަޖިލިސް ރައީސް ތުހުމަތު ކުރެއްވީ 56 މެންބަރުންނާއެކު މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ ބޭނުން ކުރައްވައިގެން ރައީސް ސޯލިހު މަޖިލިސް ހުއްޓުވާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާ ފެށި އިރުވެސް އެމްޑީޕީގެ ހަތަރު މެންބަރުން ޖަލްސާގައި ތިއްބެވިއެވެ. އަދި އިތުރު މެންބަރުން ފަހުން ޖަލްސާއާ ގުޅިވަޑައިގެންނެވިއެވެ.

އެހެންކަމުން ނިޒާމީ ވޯޓުގެ ގަރާރު މަޖިލީހަށް ބަލައިގަނެފައިވަނީވެސް އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކުގައެވެ. އެ ގަރާރު މަޖިލިހަށް ބަލައިގަތީ އެ ވަގުތު ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ގަރާރު ބަލައި ނުގަންނަން އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ގަރާރު މަޖިލީހަށް ބަލައިގަތުމުން، އިތުރަށް ދިރާސާކުރަން އެ ގަރާރު ގެންދާނެ ކޮމިޓީއެއް ހުށަހަޅަން ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ފުރުސަތު ދެއްވުމުން، މުޅި މަޖިލީހުގެ ކޮމިޓީއަށް އެ ގަރާރު ގެންދަން އަލީ އާޒިމް ހުށަހެޅުއްވިއެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، އެމްޑީޕީގެ މެންބަރު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.

ގަރާރު، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ، އެ ވަގުތު ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މުޅި މަޖިލީހުގެ ކޮމިޓީގައި ގަރާރުގެ މަސައްކަތް ފަށާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށެވެ. ނަމަވެސް އެ ގަރާރާ މެދު ގޮތެއް ނިންމަންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފައިވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލުމުގެ ބަދަލުގައި ވަނީ މެދުކަނޑާލައިފައެވެ.

ދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ދާނީ އެ ގަރާރާ ބެހޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮވުމުން، ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅައިގެންނެވެ.