ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރުވުމުގެ ގޮތުން މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުންވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި "ދަ ޑިމޮކްރެޓްސް" މި މަހުގެ ނުވައެއްގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯދައިގެން މި މަހުގެ 30ގައި ބާއްވާ ދެ ވަނަ ބުރަށް ދިޔަ ދެ ޕާޓީ ކަމަށްވާ ޕީއެންސީ އާއި އެމްޑީޕީއާ އެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި އެ ބޭފުޅުން ހުށަހެޅީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މިމަހުގެ 25 ގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅުއްވައުފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ނިޒާމީ ވޯޓާ ގުޅޭ ގަރާރު ފާސް ކުރުމަށްފަހު އެ މަނިކުފާނަށް ތަންފީޒު ކުރައްވަން ފޮނުވުމުން، ވޯޓް ނަގާނެ ތާރީހެއް އެމަނިކުފާނު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށްވެސް ނަޝީދަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނީ ނިޒާމީ ވޯޓް ނަގަން ހުށަހަޅާނީ ނޮވެމްބަރު 17 ގެ ކުރިން ކަމަށެވެ.
ނަމަވެސް ދެވަނަ ބުރެއްގައި ޑިމޮކްރެޓްސްއިން އަމަލުކުރާނެ ގޮތެއް ނިންމުމަށް ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ގަރާރަކުން ފާސްކުރީ މި މަހުގެ 28 ގައި ނިޒާމީ ނޯޓެއް ނަގައި، އެކަމަށް މާދަމާގެ ކުރިން އެއްބަސްވެ، ސޮއިކުރުމަށް ވެރިކަންކުރާ އެމްޑީޕީއަށް ހުށަހެޅުމަށެވެ. އަދި ޕީއެންސީގެ ސަރުކާރުން ހިއްސާއަކަށެވެ. އެކަންކަމަށް އެއްބަސްނުވެއްޖެ ނަމަ އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ނިޒާމީ ވޯޓާ ގުޅިގެން ހަބީބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާ އިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިހާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށާއި އެކަމަށް ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
"އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން. ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް،" ހަބީބް ވިދާޅުވިއެވެ.
އިލްޔާސް ލަބީބް ހުށަހެޅުއްވި ވެރިކަމުގެ ނިޒާމާ ބެހޭ ގަރާރުގައިވަނީ، އެއީ ކޮންމެ ރިޔާސީ އިންތިހާބެއްގައި ވޯޓާ ހަމައަށް އަންނަ އިރު، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ރައްޔިތުން ވޯޓުލުމުގެ ބަދަލުގައި އެހެން މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ރައްޔިތުން ވޯޓުލާން ޖެހިފައިވާކަން ފާހަގަކުރެވޭތީ އާއި ރައްޔިތުން ބޭނުންވާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ރައްޔިތުންގެ ހައްގުގައި އެކަމަށް އެއްވެސް ވޯޓެއް ދެވޭ ތަންވެސް ފާހަގަ ނުކުރެވޭތީ، މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތް ސާފުކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ހުށަހަޅާ ގަރާރެއް ކަމަށެވެ.
ގަރާރުގައި ބުނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަށް 15 އަހަރު ވެފައިވާ އިރު، އެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބަކަށް ބެލި ކަމުގައިވީ ނަމަވެސް، އެއިން ކޮންމެ އިންތިހާބެއްގައި ވެސް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭން ޖެހިފައިވަނީ، އެއިރެއްގައި ސަރުކާރުގައި ހުންނަ ވެރިމީހާ ކަމުނުގޮސްގެން އޭނާ ވެރިކަމުން ބާލައި، ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. އަދި އެއިން ކޮންމެ އިންތިހާބަކާ ހަމައަށް އަންނަ އިރު، ކޮންމެވެސް ބަޔަކު ސިޔާސީގޮތުން ބަންދުގައި ތިބޭތީ، އެ ބައެއްގެ ސަޕޯޓަރުންނާއި އެ ބަޔަކު އަބަދުވެސް މަސައްކަތްކުރަން ޖެހިފައިވަނީ އަދި ވޯޓުލާން ޖެހިފައިވަނީ އެ ބަޔަކު މިނިވަންކުރުމުގެ މަގުސަދުގައި ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން މިހާތަނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލީ އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން 50 އިންސައްތަ އަށްވުރެ ގިނަ ވޯޓު ކާމިޔާބުކުރެވިފައި ނުވާ ކަމަށާއި އެހެންކަމުން ކޮންމެ ރިޔާސީ އިންތިހާބެއްގައި ކޯލިޝަން ހެދުމާއި އިންތިހާބުގެ ތެރެއިން އެއް ޕާޓީ އަނެއް ޕާޓީއާ އެއްބަސްވުންތައް ހެދުމާއި ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ހިލާފު އުފެދި، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި ގައުމަށް ގެންނަން ޖެހޭ ތަރައްގީ އާއި ދިމިގުރާތީ ނިޒާމެއްގައި މަސައްކަތް ކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތްކުރަމުން އައިސްފައިނުވާ ކަމަށް އިލްޔާސްގެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ގަރާރުގައި އިތުރަށް ބުނީ، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި 30 ނޮވެމްބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓަކަށް އެ މައްސަލަ ހުށަހަޅައި، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކުރިއަށްދިއުމަކީ މުޅި ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފަހި އަދި އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީ އެ ގަރާރު ހުށަހަޅާ ކަމަށެވެ.
ރާއްޖޭގައި ނިޒާމު ބަދަލުކުރުމަށް އެންމެ ފަހުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގާފައިވަނީ 18 އޮގަސްޓް 2007 ގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް އެ ވޯޓުން ނިންމާފައިވަނީ އޭރު އޮތް ރިޔާސީ ނިޒާމު ދެމެހެއްޓުމަށެވެ.