ނ. ހޮޅުދޫ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިކަމަށް މޯލްޑިވްސް ކޮންޓްރެކްޓިންގް ކުންފުނި (އެމްޓީސީސީ) އިންފަށައިފިއެވެ. އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 10,614 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 1,375 ކިއުބިކް މީޓަރުގެ ޑިޓޭޗް ރޭމްޕް ސަރަހައްދެއް ފުންކުރުމާއި، 570 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން، އެރަށު ބަނދަރުގެ 14 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 375 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 89 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 418 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ދެކުނު ފަރާތުގެ ރިވެޓްމަންޓްގައި ޑިޓޭޗް ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީން ބުނާ ގޮތުގައި، ހޮޅުދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން، 570 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ އަދި 375 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެއެވެ. އަދި ރަށުގެ އޮޑިއެހެލާ ސަރަހައްދުގައި އެއްގަމު ތޮށްޓެއް ގާއިމްކުރުމާއި 14 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖަހާނެއެވެ.
ސަރުކާރުން އެމްޓީސީސީއާ ހާވަލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 43.2 މިލިއަން ރުފިޔާއެވެ. ހޮޅުދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު، 13 މަސް ދުވަހުން ނިންމާގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު