ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ އަދަަދަށް މެންބަރުން ހާޒިރު ނުވުމުގެ ސަބަބުން ކޯފާ އިސް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ކޯރަމް ހަމަވާ އަދަދަށް ޖަލްސާ ކުރާ މާލަމަށް މެންބަރުން ވެދެވަޑައިގަންނަވާތޯ އިންނެވުމަށްފަހު، 9:11 އެހާކަންހާއިރު މަޖިލިސް ރައީސް ވިދާޅުވީ، މެންބަރުން ވަންނަވައިތޯ، މަޑުކުރައްވައިގެން އިންނެވި ކަމަށާއި، ނަމަވެސް އެވަގުތު ޖަލްސާއަށް ވަޑައިގެން ތިއްބެވީ، 17 މެންބަރުން ކަމަށެވެ. ނަމަވެސް މަޖިލިސް އިދާރާގެ ގޯތިތެރޭގައި ހުރި ކުޑަ ދަށުގައި އިތުރު މެންބަރުން އެބަ ތިއްބެވި ކަމަށާއި، އެހެންކަމުން އެ މެންބަރުން މަޖިލީހަށް ވަޑައިގެން ގޮނޑިކޮޅުތަކުގައި އިށީންނެވުމަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ފަހުންވެސް ކޯރަމް ހަމަވޭތޯ އިރުކޮޅަކު އިންނެވުމަށްފަހު ކޯފާ އިސް ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހުއްޓުވަމުން ގެންދަވަނީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ އެކަމާ ބައިވެރިވެވަޑައިގަންނަވައިގެން ކަމަށެވެ.

ދެން ވިދާޅުވީ، "އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރަން، ދަންނަވަން ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނު އަތްޕުޅު މައްޗަށް ނަންގަވައި، ދިވެހި ދައުލަތް ހުއްޓުވާލައްވަން ތި ކުރައްވާ މަސައްކަތްތައް ހުއްޓުވުމަށް، އަދި އަޅުގަނޑުގެ މަސައްކަތް އަޅުގަނޑު ނުހުއްޓާނެކަމަށް މަނިކުފާނަށް ވަރަށް ސާފުކޮށް ދަންނަވަން،"

ނަމަވެސް ރައްޔިތުންގެ މަޖިލިސް ހުއްޓުނަ ނުދީ މަޖިލިސް ކުރިއަށް ގެންދަވާނެ ކަމަށާއި، އެކަން "އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަންނަވަން ބޭނުން،" ކަމަށްވެސް ވިދާޅުވިއެވެ.

ކޯރަމް ހަމަ ނުވެގެން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް ކުރިއަކަށް ނުގެންދެވުނެވެ. އެކަމާ ގުޅިގެން މަޖިލިސް ރައީސްގެ ފާޑު ކިޔުންތައް އިއްޔެވެސް ރައްދުކުރެއްވީ އެމްޑީޕީއަށް އެކަންޏެވެ. ވިދާޅުވީ 56 މަޖިލިސް މެންބަރުން އެމްޑީޕީގައި ތިބުމުން އެއީ އެންމެ ބޮޑު ޕާޓީ ކަމަށާއި، ކޯރަމް ހަމަކުރަން އެ ޕާޓީގެ މެންބަރުން މަޖިލީހަށް ވަޑައިގަންނަން ޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުންގެ ތެރެއިން މިއަދު މަޖިލީހަށް ވަޑައިގެން ޖަލްސާކުރާ މާލަމަށް ނުވެންނެވި މެންބަރުންނާއި، މާލަމަށް ވެދެވަޑައިގެން ނުކުންނެވި މެންބަރުންނާއި، ހާޒިރީ ފޮތުގައި ސޮއި ކުރެއްވުމަށްފަހު ޖަލްސާއަށް ނުވެންނެވި އެމްޑީޕީ މެންބަރުންގެ ނަންތައް މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ. ނަމަވެސް މަޖިލިސް ޖަލްސާއަށް ވަޑައިގެން މާލަމުގައި ތިއްބެވި މެންބަރުންނާއި، އެހެން ޕާޓީއަކުން ނުވަތަ އަމިއްލަ ގޮތުން މަޖިލީހުގައި ހިމެނޭ މެންބަރުންގެ ތެރެއިން ވެސް ޖަލްސާއަށް ވަޑައިނުގަންނަވާ އިތުރު މެންބަރެއްގެ ނަން މަޖިލިސް ރައީސް އިއުލާނެއް ނުކުރައްވައެވެ.

މަޖިލީހުގައި ޖުމުލަ 87 މެންބަރުން ތިއްބަވާ އިރު، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ގޮތުގައާއި، މަޖިލީހުގައި އޮންނަ ޕާޓީތަކުގެ ދަފްތަރުގައި މެންބަރުން ހިމެނިފައިވާގޮތަށް ބަލާ އިރު، ދެވަނައަށް އެންމެ ގިނަ މެންބަރުން ހިމެނެނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންނެވެ. އެއީ 13 މެންބަރުންނެވެ. އޭގެތެރޭގައި މަޖިލީހުގައި އޮތް ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ނުކޮށް ތިބި ދަ ޑިމޮކްރެޓްސްގެ 10 މެންބަރުން ހިމެނެއެވެ. މަޖިލީހުގައި އޮންނަ ޕާޓީތަކުގެ ދަފްތަރުގައި ޑިމޮކްރެޓްސް މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ ތިން މެންބަރުންނެވެ.

ދެން އެންމެ ގިނަ މެންބަރުން ހިމެނޭ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ފަސް މެންބަރުން ތިއްބަވާ އިރު، ޑެމޮކްރެޓްސް އާއި ޕީއެންސީ އާއި އެމްއެންޕީން ކުރެ ކޮންމެ ޕާޓީއަކަށް ނިސްބަތްވާ ތިން މެންބަރުން ތިއްބަވައެވެ.

އެމްޑީއޭ އާއި ޖޭޕީ، މި ދެ ޕާޓީން ކުރެ ކޮންމެ ޕާޓީއެއްގައި ހިމެނެނީ ދެ މެންބަރުންނެވެ. އެހެންކަމުން އެމްޑީޕީ މެންބަރުން ނުލައި 30 މެންބަރުންނާއެކު ރަނގަޅު ކޯރަމެއްގައި ވެސް މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭނެއެވެ.