ޚަބަރު

ރިސޯޓު ކުލި މާފެއް ނުކުރޭ، ޖޫރިމަނާ ރޭޓު ކުޑަކުރީ: ސަރުކާރު

ރިސޯޓް ހަދަން ދޭ ކޮންސްޓްރަކްޝަން މުއްދަތު ހަމަވުމަށް ފަހު ކުލި ނުދައްކާ ތަންތަނުން ދައްކަން ޖެހިފައިވާ ޖޫރިމަނާއިން މާފުކޮށްދޭން ނިންމީ ނޫން ކަމަށާއި ކުރިން ކަނޑައަޅާފައިވާ ޖޫރިމަނާގެ ރޭޓް ކުޑަކުރީ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން ޖޫރިމަނާގެ ރޭޓަށް ބަދަލު ގެނައުމުން ނުދައްކާ ހުރި ހަތަރު ބިލިއަން ރުފިޔާގެ ޖޫރިމަނާގެ ފައިސާ ވަނީ މާފުވެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިރޭ މީޑިއާތަކަށް ވިދާޅުވީ އެއްވެސް ރިސޯޓެއްގެ ކުލި މާފު ކޮށްދީފައިނުވާނެ ކަމަށެވެ. އެ ފައިސާ މާފުވެފައިވަނީ ކުރިން އާދަޔާހިލާފަށް ބޮޑުކޮށް އޮތް ޖޫރިމަނާތަކަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށެވެ.

"ރިސޯޓު ކުލި ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ކުރިން ހުރީ ސަބަބުވެރި އިންސާނެއްގެ ބުއްދި ގަބޫލު ކުރެވޭ ވަރަށްވުރެވެސް ބޮޑަށް. އެއީ އަހަރަކަށް 182 ޕަސެންޓު ގެ ރޭޓުން. ރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ވަނީ މިފަދަ ޖޫރިމަނާތަކަކީ އެއްގޮތަކަށްވެސް ހަމަޖެހޭ ރޭޓެއް ނޫންކަމަށް ނިންމާފައި،" މިއުވާން ވިދާޅުވިއެވެ.

"މިސާލަކަށް ކުރީގެ ރޭޓުގައި (%180) އެއް މިލިއަން ރުފިޔާގެ ރިޒޯޓު ކުލި ނުދައްކާ ފަރާތެއް އަނބުރާ ދައްކާ އިރު އެ އަދަދު ދެގުނަ ވެ އަހަރެއް ތެރޭ 1.8 މިލިއަން، ހަމައެކަނި ޖޫރިމަނާ ގޮތުގައި ދައްކަން ޖެހޭ. އެއީ ކުލީގެ އެ މިލިއަން ލައިގެން ނަމަ 2.8 މިލިއަން ރުފިޔާ"

އެ ޖޫރިމަނާ ރޭޓަކީ ޓެކްސް ނިޒާމް ތައާރަފު ކުރުމުގެ މާކުރިން ހަދާފައިވާ ރޭޓެއް ކަމަށާއި ޓެކްސް ނިޒާމާއެކު އައި ބަދަލުތަކާ އެކު ޖޫރިމަނާގެ ރޭޓަށް ގެނައި ރިއަލިސްޓިކް ބަދަލަކީ ރާއްޖޭގެ ވިޔަފާރި ކުރުމުގެ ފަހިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އެ ބަދަލާއެކު ކުރީން ނުދައްކާ ހުރި ޖޫރިމަނާ، އާ ރޭޓުގައި ދައްކައި ހަލާސްކުރުމަށް ފުރުސަތު ދެވި 18 ޕަސަންޓަށްވުރެ ބޮޑުކޮށް ހުރި ބައި އުނިވެފައިވާ ކަމަށެވެ.