ވިޔަފާރި

ހުޅުމާލެ "އާބަން އައިލް"ގައި ތިން ހޮޓެލް ހިންގާނެ ބަޔަކު ހޯދަނީ

ހުޅުމާލެ ދެވަނަ ފޭސްގެ "އާބަން އައިލް"ގައި ތިން ހޮޓެލް ހިންގާނެ ބަޔަކު ހޯދަން އާބަންކޯއިން އިއުލާންކޮށްފިއެވެ.

އާބަންކޯއިން މިއަދުކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފޭސްގައި ކުރިއަށްގެންދާ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ތިން ބުޓީކް ހޮޓެލް އަޅައި، ހިންގާނެ ބަޔަކު ބޭނުންވާ ކަމަށެވެ.

ބުޓީކް ހޮޓެލް އަޅަން ދޫކުރަން ނިންމާފައިވަނީ 4،246 - 5،413 އަކަފޫޓާ ދެމެދުގެ ތިން ބިމެވެ. އެ ބިންތައް ކުއްޔަށް ދޭން ނިންމާފައިވަނީ 50 އަހަރުގެ މުއްދަތަކަށް ކަމަށް އާބަންކޯއިން ބުންޏެވެ.

އާބަންކޯއިން ބިން ކުއްޔަށް ދޭ މުއްދަތުގެ ތެރެއިން ފުރަތަމަ ފަސް އަހަރުގެ ކުއްޔަކީ އެންމެ ދަށް ވެގެން އަކަފޫޓަކަށް 1.5 ޑޮލަރު ކަމަށެވެ. އަދި ބުނީ އެ މުއްދަތުގެ ފަހުން މާކެޓް އިންފްލޭޝަނަށް ބެލުމަށްފަހު ކުލި މުރާޖައާ ކުރާނެ ކަމަށާއި ކޮންމެ އަހަރެއްގެ ކުލި، އޭގެ ކުރީީ އަހަރާ އެއްވަރު ނުވަތަ އެއަށް ވުރެ މަތިވާނެ ކަމަށެވެ.

ބިން ހަވާލުކުރާތާ ދެ އަހަރުގެ މުއްދަތުގެ ތެރޭގައި ހޮޓަލް ހަދައި ނިންމަންވާނެ ކަމަށް އާބަންކޯއިން ބުންޏެވެ. އެކުއިޒިޝަން ފީ އަކީ ދަށްވެގެން އަކަފޫޓަކަށް 22.15 ޑޮލަރު ކަމަށެވެ.

ބުޓީކް ހޮޓެލް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން [email protected] ޕްރޮޕޯސަލް ހުށަޅަންވާނެ ކަމަށް އާބަންކޯއިން ބުންޏެވެ.