ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރުގެ ބަހުސް، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އާއި މައިނޯރިޓީ ޕާޓީ ކަމަށްވާ އިދިކޮޅު ޕީޕީއެމްގެ އެއްބަސްވުމާއެކު އަވަސްކޮށް މާދަމާ ކުރިއަށް ގެންދަން ނިންމައިފިއެވެ.

އިލްޔާސް ލަބީބުގެ ގަރާރުގައި ވަނީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އަންނަ ނޮވެމްބަރު މަހުގެ 30ގެ ކުރިން ނެގުމަށް ގޮވާލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވާ މައްސަލައިގައި، ކަންބޮޑުވުން ފާޅުކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ކޯރަމް ހަމަނުވާއިރުވެސް ޖަލްސާއަށް ނުވަދެ އެމްޑީޕީ މެންބަރުން މަޖިލިސް އިދާރާގެ ގޯތިތެރޭގައި ތިއްބެވި ކަމަށެވެ. އެ މެންބަރުން ތިއްބެވީ ޖަލްސާގެ އެޖެންޑާގައި މައްސަލަތަކެއް ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ އެޖެންޑާގެ ފުރަތަމަ ކަމަކަށް އޮތީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސް ކުރިއަށްގެންދިއުމެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެ މައްސަލަ މިއަދަށް އެންޑާކުރަން ޖެހުނީ އެހެން މައްސަލަތައް މަޖިލީހަށް ހުށަހަޅާފައިވާ މުއްދަތަށް ބަލާއިރު، އެ މައްސަލަތައް އެޖެންޑާއަށް ގެނެވެން ނެތުމުން ކަމަށެވެ.

މަޖިލީހަށް ހުށަހެޅޭ ބައެއް މައްސަލަތަކަކީ މެޖޯރީޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވާ ނަމަ އަވަހަށް މަޖިލީހަށް އެޖެންޑާ ކުރެވޭ މައްސަލަތައްކަން ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ނިޒާމީ ވޯޓުގެ ގަރާރަކީ މި މަހު 13ގައި އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅި ގަރާރެއް ނަމަވެސް، މާދަމާ އެ ގަރާރަށް ބަހުސް ކުރެވޭނެ ކަމަށެވެ.

"އެއީ 13 ސެޕްޓެމްބަރުގައި ހުށަހަޅާފައިވާ ގަރާރެއް، އެހެން ނަމަވެސް މި ގާރަރަށް މާދަމާ ބަހުސް ކުރެވޭ ގޮތަށް މި އޮތީ ފުރުސަތު ލިބިފައި، އެއީ ހައުސް މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެފައިވާތީ،" ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އިލްޔާސް ލަބީބުގެ އެ ގަރާރުގައިވަނީ، އެއީ ކޮންމެ ރިޔާސީ އިންތިހާބެއްގައި ވޯޓާ ހަމައަށް އަންނަ އިރު، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ރައްޔިތުން ވޯޓުލުމުގެ ބަދަލުގައި އެހެން މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ރައްޔިތުން ވޯޓުލާން ޖެހިފައިވާކަން ފާހަގަކުރެވޭތީ އާއި، ރައްޔިތުން ބޭނުންވާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ރައްޔިތުންގެ ހައްގުގައި އެކަމަށް އެއްވެސް ވޯޓެއް ދެވޭ ތަންވެސް ފާހަގަނުކުރެވޭތީ، މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތް ސާފުކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ހުށަހަޅާ ގަރާރެއް ކަމަށެވެ.

ގަރާރުގައި ބުނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަށް 15 އަހަރު ވެފައިވާ އިރު، އެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބަކަށް ބެލި ކަމުގައިވީ ނަމަވެސް، އެއިން ކޮންމެ އިންތިހާބެއްގައި ވެސް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭން ޖެހިފައިވަނީ، އެ އިރެއްގައި ސަރުކާރުގައި ހުންނަ ވެރިމީހާ ކަމުނުގޮސްގެން އޭނާ ވެރިކަމުން ބާލައި، ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. އަދި އެއިން ކޮންމެ އިންތިހާބަކާ ހަމައަށް އަންނަ އިރު، ކޮންމެވެސް ބަޔަކު ސިޔާސީގޮތުން ބަންދުގައި ތިބޭތީ، އެ ބައެއްގެ ސަޕޯޓަރުންނާއި އެ ބަޔަކު އަބަދުވެސް މަސައްކަތްކުރަން ޖެހިފައިވަނީ، އަދި ވޯޓުލާން ޖެހިފައިވަނީ އެ ބަޔަކު މިނިވަންކުރުމުގެ މަގުސަދުގައި ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން މިހާތަނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލީ އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން 50 އިންސައްތައަށްވުރެ ގިނަ ވޯޓު ކާމިޔާބުކުރެވިފައި ނުވާ ކަމަށާއި އެހެންކަމުން ކޮންމެ ރިޔާސީ އިންތިހާބެއްގައި ކޯލިޝަން ހެދުމާއި، އިންތިހާބުގެ ތެރެއިން އެއް ޕާޓީ އަނެއް ޕާޓީއާ އެއްބަސްވުންތައް ހެދުމާއި، ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ހިލާފު އުފެދި، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި ގައުމަށް ގެންނަން ޖެހޭ ތަރައްގީއާއި ދިމިގުރާތީ ނިޒާމެއްގައި މަސައްކަތް ކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތްކުރަމުން އައިސްފައިނުވާ ކަމަށް އިލްޔާސްގެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ގަރާރުގައި އިތުރަށް ބުނީ، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި 30 ނޮވެމްބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓަކަށް އެ މައްސަލަ ހުށަހަޅައި، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކުރިއަށްދިއުމަކީ މުޅި ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފަހި އަދި އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީ އެ ގަރާރު ހުށަހަޅާ ކަމަށެވެ.

ރާއްޖޭގައި ނިޒާމު ބަދަލުކުރުމަށް އެންމެ ފަހުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގާފައިވަނީ 18 އޮގަސްޓް 2007 ގައި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް އެ ވޯޓުން ނިންމާފައިވަނީ އޭރު އޮތް ރިޔާސީ ނިޒާމު ދެމެހެއްޓުމަށެވެ.