ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމް މިހާތަނަށް ހަމަނުވި ނަމަވެސް، ކޯރަމް ހަމަކޮށްގެން 12:00 އާއި 1:00 ގައިވެސް މިއަދުގެ ޖަލްސާ ފެށޭތޯ ބައްލަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ ވަރަށް، މެންބަރުން ހަމަވޭތޯ ބެލުމަށްޓަކައި ތިންވަނަ ފަހަރަށް ފަސްކޮށް، 11:00 ގައި ޖަލްސާ ފަށަން މަސައްކަތް ކޮށްގެންވެސް ޖަލްސާ ފެށޭގޮތް ވަނީ ނުވެފައެވެ.
އެހެންކަމުން 11:30 ގައި ޖަލްސާ ބާއްވާ މާލަމުން ނިކުންނަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މިއަދު ޖަލްސާއަށް، މަޖިލީހަށް ވަޑައިގެން، ހާޒިރީ ފޮތުގައި ސޮއިކުރެއްވި ނަމަވެސް ޖަލްސާ ބާއްވާ މާލަމަށް ވެދެވަޑައިނުގެން ގިނަ މެންބަރުންތަކެއް މަޖިލީހުގެ ގޯތި ތެރޭގައި އެބަ ތިއްބެވި ކަމަށެވެ.
އޭގެ ތެރޭގައި، މަރަދޫދާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، އާއި ހިތަދު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން، އާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން، އާއި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދާއި، ވައިކަރަދޫ ދާއިރާގެ މެންނބަރު ހުސެއިން ޒިޔާދު، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝީފާއު އާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހިމެނިވަޑައިގަންނަވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ޖަލްސާއަށް ވެންނެވި ނަމަވެސް އެވަގުތު ތަޅުމުގައި ނެތް މެންބަރުގެ ގޮތުގައި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ހިމެނިވަޑައިގަންނަވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މީގެ ކުރިން މަޖިލިސް ޖަލްސާތައް ހުއްޓިފައި އޮތީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހަމަނުޖެހި އޮތުމާއި، މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައިވާތީ ކަމަށެވެ. ނަމަވެސް އެމްޑީޕީއަށް ނިސްބަތް ކުރައްވައި، މަޖިލިސް ރައީސް ވިދާޅުވީ، މިހާރު މަޖިލިސް ހުއްޓުވާފައި މިވަނީ، މަޖިލީހުގެ ކޮޓްރޯލް އޮންނަ ފަރާތްތަކުން ކަމަށާއި، އެގޮތަށް އަމަލު ކުރުމުން އެއްވެސް ބޭފުޅަކަށް އެކަމުން ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ.
"ރައްޔިތުންގެ މަޖިލިސް ހުއްޓިގެން ދިވެހި ރާއްޖޭގެ ރައްޔިތަކަށް ލިބޭނެ މޮޅެއް އަޅުގަނޑަށް ޔަގީން ކަށަވަރު ނޯންނާނެ، އެހެންކަމުން މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން މަސްއޫލިއްޔަތު އަދާކުރެއްވުމަކީ ބޭނުންތެރިކަމެއް، އެބޭފުޅުން މާތްރަސްކަލާނގެ ގަންދީ ހުވައިކޮށްގެން އެ ތިއްބަވަނީ، ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރެއްވުމަށް،"
އެހެންކަމުން ހުރިހާ މެންބަރުންވެސް މަސައްކަތަށް ހުރުމަތްތެރިކޮށް ހިތްތަވައި، މަޖިލީހަށް ވަޑައިގެން މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް މަޖިލިސް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު