ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވެގެން ތިންވަނަ ފަހަރަށް ޖަލްސާ ފެށުން ފަސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ އަދަދަށް ކޯރަމް ހަމަނުވެގެން، ޖަލްސާ ފަށާ ގަޑި ތިންވަނަ ފަހަރަށް މިވަނީ، ލަސްކޮށްފައެވެ. 10:14 ގައި ޖަލްސާގެ މާލަމުން ނިކުންނެވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، 11:00 ޖަލްސާ ފެއްޓެވޭތޯ ބެއްލެވުމަށް މާލަމަށް ވަޑައިގަންނަވާނެ ކަމަށެވެ. އޭރުވެސް މަޖިލިސް ގޯތި ތެރޭގައި ކުޑަ ދަށުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ތިއްބެވި ކަމަށް ވިދާޅުވިއެވެ.

އެގާރަ ޖަހާއިރު ޖަލްސާ ފައްޓަވަން ވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމުގެ ކުރިން، މަޖިލިސް ރައީސް ވިދާޅުވީ، މިއަދުގެ ޖަލްސާގެ "އެޖެންޑާގައި ޝަކުވާއެއް ވާކަމަށް މައުލޫމާތު ލިބޭ، ތަކުރާރުކޮށް ދަންނަވަން މަޖިލީހުގެ ގަވާއިދާ ހިލާފު އެއްވެސް މައްސަލައެއް އެޖެންޑާއަކު ނުހިމެނޭނެ،" ކަމަށެވެ.

ފުރަތަމަ ކަމަށް މަޖިލީހުގެ މިއުގެ ޖަލްސާގައި އޮތީ، އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެ ގަރާރަކީ 22 މެއިގައި އޮތް، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާއަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. އެހެން ކަމުން އެ ގަރާރު މިހާރު މަޖިލިސް ތަޅުމަށް ގެންނަން ޖެހޭ ކަމަށާއި، ލަސްކުރެވެން ނެތްކަމަށެވެ. އޭގެ އިތުރުންވެސް ސަރުކާރާ ދެކޮޅު ބައެއް ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ފުރަތަމަ ފަހަރު ޖަލްސާ ފަސްކުރީ 9:30 ގައި ފެށުމަށެވެ.

ޖަލްސާ ފަށަން ބޭނުންވާވަރަށް ކޯރަމް ހަމަވޭތޯ ބެއްލެވުމަށް، ރިޔާސަތުގައި އިންނަވައި މަޖިލިސް ރައީސް ވިދާޅުވީ، ޖަލްސާ ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަ ކުރުމަށް މަޖިލީހުގެ ހައުސް މެޖޯރިޓީ ލީޑަރު، އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަސައްކަތް ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މަޖިލީހުގައި 56 މެންބަރުން ތަމްސީލު ކުރާ އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޖަލްސާއަށް ވަޑައިގެން ތިއްބެވީ އެމްޑީޕީގެ ވަރަށް މަދު ބޭފުޅުން ކޮޅެއް ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު 09:09 އެހާކަންހާއިރު، މަޖިލިސް ރައީސް ވިދާޅުވީ، ކޯރަމް ހަމަވޭތޯ ބެލުމަށް 9:30 އަށް ޖަލްސާ ފަސްކުރެއްވީ ކަމަށެވެ.

ދެން ވިދާޅުވީ، "މެންބަރުން ހަމެއް ނުވޭ 9:30 ގައި ޖަލްސާ ފެށުމަށް ފަސްކުރާނަން، އުއްމީދަކީ ޖަލްސާ ބޭއްވުން، ކުރަން ޖެހޭ މަސައްކަތްތައް އެބަހުރި ޖަލްސާ ކުރިއަށް ގެންދިއުމަކީ ބޭނުންތެރިކަމެއް،" ކަމަށެވެ.

ނުވަގަޑި ތިރީހުގައި ޖަލްސާ ފަށަން މަޖިލިސް ރައީސް މަސައްކަތް ކުރެއްވި ނަމަވެސް ކޯރަމް ހަމައެއް ނުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، މަޖިލިސް ކުޑަ ދަށުގައި އެމްޑީޕީ މެންބަރުން ތިއްބެވި ކަމަށާއި، ޖަލްސާ ފަށަން ބޭނުންވަނީ ދެ މެންބަރުން ކަމަށެވެ. ނަމަވެސް ކުޑަދަށުގައި ތިއްބެވި ބޭފުޅުން ޖަލްސާއަށް ވެދެވަޑައި ނުގަންނަވައި ތިއްބެވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެ ބޭފުޅުން އެ ސަބަބު ވިދާޅުވެދެއްވާފައިނުވާކަމަށްވެސް އޭރު މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ޖަލްސާ ފަށަން ބޭނުންވާ ކޯރަމް އަކީ 22 މެންބަރުންނެވެ. މިއަދުގެ ޖަލްސާއަށްވެސް ގިނަ މަސައްކަތްތަކެއް ވަނީ އެޖެންޑާކޮށްފައެވެ.

އެޖެންޑާގއި ފުރަތަމަ ކަމަކަށް އޮތީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމެވެ. ދެން އޮތީ، ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވާފައިވާ، އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލުގެ ބަހުސް ކުރިއަށްގެންދިއުމެވެ.

އެއަށްފަހު، އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހަޅުއްވާފައިވާ ލ. ހިތަދޫ އާއި ކުނަހަންދޫ ގުޅުވާލުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައި ހުށަހަޅާ ގަރާރާއި، ލ. ކުނަހަންދޫ އިންޖީނުގެއާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާތީ މި މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސް ކުރިއަށްގެންދެވުމާއި، މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސް ކުރިއަށްގެންދެވުމެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތީ އިންތިހާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސް ކުރިއަށްގެންދެވުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.