މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް، ރީ-ރަޖިސްޓްރީ ވުމަށް ބޭނުންކުރާ އޮންލައިން ޕޯޓަލްގެ އެކްސެސް އެ ކޮމިޝަނުގެ ކުރީގެ މެންބަރަކަށް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އީސީގެ މެންބަރުކަމުން ވަކިވި، އަލީ ނަޝާތު ވަނީ އެ ކޮމިޝަނުގެ އެހެން މެމްބަރުންނަށް ވަގަށް, ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ބެކްޑޯއެއް ހެދުމަށްފަހު އެމްޑީޕީއަށް އޭގެ އެކްސެސް ދީފައެވެ. މޫކައި ސޫޓްސްގައި އެމްޑީޕީން ހަދާފައިވާ ކެމްޕެއިން އޮފީހުގައި ތިބި ފަރާތްތަކުން އެ ޕޯޓަލަށް އެކްސެސްވަމުންދާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން އީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރީ-ރަޖިސްޓަރީވުމަށް ބޭނުންކުރާ ޕޯޓަލަކީ 2020 ގެ ކައުންސިލް އިންތިހާބަށް ފަހު ބޭއްވި ހުރިހާ އިންތިހާބެއްގެ ރީ-ރަޖިސްޓްރޭޝަނަށް ބޭނުންކުރަމުން އައި ޕޯޓަލް ކަމަށާއި އެ ޕޯޓަލަކީ ރައްޔިތުންނާއި ހުރިހާ ސިޔާސީ ޕާޓީއެއްގެ އިތުބާރު ލިބިފައިވާ ޕޯޓަލެއް ކަމަށެވެ.

"ޕޯޓަލްގެ މަސައްކަތަކީ އައިޓީ ސެކިއުރިޓީ ކޮންސަލްޓެންޓެއްގެ ލަފައާއި އިރުޝާދުގެ މަތިން ބަލަހައްޓަމުންގެންދާ މުހިންމު މަސައްކަތެއްކަމުގައި ދަންނަވަމެވެ. އަދި ޕޯޓަލްގެ އެކްސެސް ކޮމިޝަންގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާ ނުބެހޭ އެއްވެސް މީހަކަށް ނޯންނާނެކަމުގެ ޔަގީންކަން އަރުވަމެވެ." އީސީން ބުންޏެވެ.

އީސީން ބުނީ ރީ-ރަޖިސްޓްރޭޝަންގެ އޮންލައިން ޕޯޓަލްއާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށެވެ. އީސީން ވަނީ އެ ކޮމިޝަނާއި ރައްޔިތުންނާއި އަދި ކެންޑިޑޭޓުންނާ ދެމެދު އޮތް އިތުބާރު ގެއްލޭފަދަ ގޮތްގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީވުމަށް އީސީން ހުޅުވާލީ މިދިޔަ ހުކުރު ދުވަހު ހަވީރު ތިނެއް ޖެހިއިރުއެވެ. މުއްދަތު އިއްޔެ ހަވީރު ހަތަރަކަށް ވަނީ ހަމަވެފައެވެ.

އީސީން މިއަދު ބުނީ، ދެވަނަ ބުރަށް ރީރަޖިސްޓްރީ ކުރުމަށް ދިން ތިން ދުވަހުގެ ތެރޭގައި އޮންލައިންކޮށާއި އެ ކޮމިޝަންގެ ކައުންޓަރުތަކަށް އަދި އަތޮޅުތަކުގެ ފޯކަލްޕޮއިންޓް މެދުވެރިކޮށް ހުށަހެޅި 47،000 އަށްވުރެ ގިނަ ފޯމުގެ ތެރެއިން 19،000 ވުރެ ގިނަ ފޯމު ޕްރޮސެސްކޮށް ނިމިފައިވާ ކަމަށެވެ. އަދި 27،000 ވުރެ ގިނަ ފޯމެއްގެ ސައްހަކުރުމުގެ މަރުހަލާގައިވާ ކަމަށް ބުންޏެވެ.

އީސީން އިތުރަށް ބުނީ ރީ-ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމުތައް ވެރިފައިކޮށް ނިމުމުން، ވޯޓުލުމަށް ރީ-ރަޖިސްޓްރީ ލިސްޓު ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ކެންޑިޑޭޓުންނާއި ޕާޓީތަކާ ހިއްސާކޮށް ޝަކުވާއަށް ދެ ދުވަހުގެ ފުރުސަތެއް ހުޅުވާލާނެ ކަމަށެވެ.