އިލެކްޝަން ކޮމިޝަން (އީސީ)ގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް ހެކްކުރަން ސައިބާ ހަމަލާތެއް ދީފިއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު "ވަން" އަށް މިރޭ ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަންގެ އަދަދު ސައްހަކަމާ މެދު ޕީޕީއެމްޕީ/ޕީއެންސީ ކޯލިޝަން އަދި އެމްއެންޕީން މިއަދު އީސީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން އީސީގެ އައިޓީ ކޮންސަލްޓެންޓު ވަނީ، ސައިބާ ހަމަލާތަކެއް ރީ- ރަޖިސްޓްރޭޝަން ޕޯޓަލަށް އަންނަކަން ފާހަގަކޮށްފައި ކަމަށެވެ.

ފުއާދު ވިދާޅުވީ އީސީން ވަނީ އެ ހަމަލާތައް ހުއްޓުވާފައި ކަމަށާއި ހަމަލާގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ބައިވަރު އެޓޭކްސް އެބައާދޭ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެބައާދޭ އެޓޭކްސް. އެއީ ކޮން ކަންކޮޅުތަކެއް ވެސް އީސީގެ ކޮންސަލްޓެންޓު ޓީމަށް ވަނީ ދެނަގެނެވިފައި،" ފުއާދު ވިދާޅުވިއެވެ.

ވޯޓުގެ ދުވަސްވަރާ ދިމާކޮށް ސައިބާ ހަމަލާތައް އައުމަކީ އާންމު ކަމެއް ކަމަށާއި ދުނިޔޭގެ ހުރިހާ ގައުމުތަކުގައި ވެސް އިންތިހާބު ދުވަސްވަރު އެފަދަ ހަމަލާތައް އައުމަކީ އާންމު ކަމެއް ކަމަށް ފުއާދު ވިދާޅުވިއެވެ. އެހެންވެ ޕޯޓަލަށް ސައިބާ ހަމަލާދިން މައްސަލަ ފުލުހަށް ހުށަހަޅާފައިނުވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އީސީއާއެކު ބޭއްވި ބައްދަލުވުމަށްފަހު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް، ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވަނީ ޕޯޓަލް ހެކް ކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު ސައިބާ ހަމަލާތަކާ ގުޅިގެން މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ، އެ ހަމަލާތަކުގެ ތުހުމަތު ޕީއެންސީއަށް އަމާޒުކޮށްފައެވެ. އޭނާ ވިދާޅުވީ "ރައްޔިތުންނަށް އޮތް ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ޕީއެންސީން ކުރާ ކަންތައް ވަގުތުން ހުއްޓާލާ ރައްޔިތުން ބަސްބުނުމުގެ ފުރުސަތު ދިނުމަށް ގޮވާލާ" ކަމަށެވެ.