ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން ޔާމީން އެކަމަށް ދެކޮޅުހައްދަވައިފިއެވެ.
ދަ ޑިމޮކްރެޓްސްއަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ތިން ވަނަ ލިބުމުން، ދެވަނަ ބުރަށްދިޔަ ދެ ޕާޓީ ކަމަށްވާ ޕީޕީއެމާއި އެމްޑީޕީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އެބޭފުޅުން ހުށަހެޅީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މިމަހުގެ 25 ގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. އެކަމަށް ޕީޕީއެމުން ދެކޮޅު ހެދުމުން، ދަ ޑިމޮކްރެޓްސްއިން ވަނީ އެޕާޓީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ހުއްޓާލައިފައެވެ. ނަމަވެސް އެމްޑީޕީއާ އެކު އެ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ.
"ދޮން މަނިކު ސްކައި ވިއު" ގައި ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ އިއްޔެ މެންދުރުފަހު ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް ޔާމީނާވެސް މަޝްވަރާ ކުރައްވަން އެމަނިކުފާނު ގަސްދު ކުރައްވާ ކަމަށެވެ. އޭގެ ފަހުން އިއްޔެ ނަޝީދު ވަނީ ރައްޔިތުން މަޖިލިސް މެދުވެރިކުރައްވައި ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރެއްވުމުގެ ހުއްދަ އެދި ހުށަހަޅުއްވައިފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ރައީސް ޔާމީން އިއުތިރާޒު ކުރެއްވުމުން، އެކަން ލިޔުމުން މިއަދު މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށް ޕީޕީއެމުން އެއްބަސްވާ ކަމަށާއި އެކަން ޑިމޮކްރެޓްސް ގާތުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެޕާޓީން އެކަމުގެ އެއްބަސްވުމެއް ހެދުމަށް އިއުތިރާޒް ކުރާ ކަމަށާއި އެއްބަސްވުމެއްގައި އެކަން އޮންނަން ޖެހޭނެ ކަމަށް ހުރިހާ މެމްބަރުން ވެސް ބޭނުންވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ އެމްޑީޕީގެ ގާތުގައި ވެސް ތަކުރާރުކޮށް ބަރުލަމާނީ ނިޒާމަށް ބަދަލުވުމުގެ މަސައްކަތް ފަށަން އެދެވިއްޖެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ބުރު ކާމިޔާބު ނުކުރެއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދު ވަނީ ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް ޑިމޮކްރެޓުންނާ އެކު ބަރުލަމާނީ ނިޒާމަކަށް އެމްޑީޕީން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
ނަޝީދު ވިދާޅުވީ ފަސް އަހަރަކުން ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ބުނާ ބަސް ކޮންމެ ދުވަހަކު މަޖިލީހުގެ ތެރޭގައި ބުނެވެން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު