Close Election
Close
ޚަބަރު

އިންތިހާބާ ގުޅުވައި ހިޔާ ޓަވަރުތަކުން ކަރަންޓު ކަނޑާލަން އުޅޭ ވާހަކަ ސްޓެލްކޯއިން ދޮގުކޮށްފި

ރިޔާސީ އިންތިހާބާ ގުޅުވައި ހިޔާ ޓަވަރުތަކުން ކަރަންޓު ކަނޑާލަން އުޅޭ ކަމަށް "ދިޔަރެސް" ނޫހާއި "ޗެނަލް 13" އިން ރިޕޯޓުކުރުމުން އެކަން ސްޓެލްކޯއިން ދޮގުކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބާ ގުޅުވައިގެން "ދިޔަރެސް" ނޫހާއި، "ޗެނަލް 13" އިން އެ ކުންފުންޏާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް އަދި އެ ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާ ގުޅުވައި، އެ ކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ "ބުހުތާނު" ދޮގު ހަބަރުތައް ފަތުރަމުންދާ ކަމަށްވެސް ބުންޏެވެ.

"މި ދެންނެވި ހަބަރުތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ހަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ. ބިނާކުރަނިވި ފާޑު ކިޔުމަށް މި ކުންފުނިން އަބަދުވެސް މަރުހަބާ ކިޔަމެވެ. އެހެން ނަމަވެސް، ފަހުރުވެރި ދިގު ތާރީހެއް އޮތް މި ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާ ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ މި ކުންފުނިން ބަލައިގަންނާނެ ކަމެއް ނޫން ކަމުގައި ދަންނަވަމެވެ." ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ، އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އަސާސީ ހިދުމަތްތަކެއް ކަމުގައިވުމުން، އެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާ ގުޅިގެން ހިދުމަތައް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި ސަރަހައްދާއި އެ މަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ އަންގަމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކުރިއާލާ އެންގުމެއް ނެތި، އެ ކުންފުނިން އެއްވެސް ސަހަރައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމަށްވެސް ބުންޏެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ ހައްގަކަށްވީ ނަމަވެސް، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި އިންތަކާއި މިންތައް ދެމެހެއްޓުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.