މިމަހުގެ ތިރީސް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ވޯޓުލުމަށް، ރީ-ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި މިހާތަނަށް 25،000އަށް ވުރެ ގިނަ މީހުން ފޯމް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީވުމަށް އީސީން ދީފައި ވަނީ ތިން ދުވަހުގެ މުއްދަތެކެވެ. އެއީ މިދިޔަ ހުކުރު ދުވަހު ހަވީރު 03:00 އިން މިއަދު ހަވީރު 04:00އާއި ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، މިފަހަރު ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރަތަމަ ދުވަހު އެކަނިވެސް 9206 މީހުން ފޯމް ހުށައަޅާފައިވާކަމަށެވެ. އަދި އޮންލައިންކޮށް ފުރަތަމަ ދުވަހު 7267 މީހުން ފޯމް ހުށައަޅާފައިވާކަމަށްވެސް އޭނާ ވިދާޅޫވިއެވެ.

ހަބީބު ވިދާޅުވީ ދެވަނަ ދުވަހު 16287 މީހުން ރީ-ރަޖިސްޓްރީކުރުމަށް ފޯމް ހުށައަޅާފައިވާއިރު، އޮންލައިންކޮށް އެކަނިވެސް 11082 ފޯމް ހުށައަޅާފައިވާ ކަމަށެވެ.

ރީރަޖިސްޓްރީއަސް ފޯމު ހުށަހެޅި މީހުންގެ ތެރެއިން، 10271 މީހުން މިހާޓަނަށް ރީ-ރަޖިސްޓަރީ ކޮށްދީފައިވާކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. އަދި އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1546 ފޯމު ރިޖެކްޓްކޮށްފައިވާ ކަމަށާއި، ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަން ޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

އިލެކްޝަނަށް އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ނުނިމި ހުރި ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭތީ ކަމަށާއި، ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ، މިއަދުގެ ހަވީރު 4:00 ގެ ކުރިން، ރީ-ރަޖިސްޓަރީ ކުރަން ހުށަނާޅައިފިނަމަ، އެކަމަށް އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށެވެ.