އދ. ދިގުރަށުގައި ކޮންވެންޝަން ސެންޓަރަކާއި އިންޓަނޭޝަނަލް ރިސާޗް ސެންޓަރެއް ހަދައިދޭން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އދ. ދިގުރަށަށް އިއްޔެ ވަޑައިގެން ސަޕޯޓަރުންނާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ދިގުރަށުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ރަށުގެ މަގުތައް ހަދައިދީ، ސްކޫލަށް އިތުރު ކްލާސްރޫމް އިތުރުކޮށްދީ، ސިއްހީ ހިދުމަތްތައް ފުޅާކޮށްދޭނެ ކަމަށެވެ. އަދި ދިގުރަށަކީ ޓޫރިޒަމް އިތުރަށް ފުޅާކުރެވެން އޮތް ރަށަކަށްވެފައި، ހިމާޔަތްކޮށްފައި އޮންނަ ބޮޑު ކަނޑުގެ ސަރަހައްދެއް ކައިރީގައި އޮންނާތީ، އެކަމުގެ ފައިދާ ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް ޔުނިވާސިޓީތަކުގެ އެހީތެރިކަމާއެކީގައި އިންޓަނޭޝަނަލް ރިސާޗް ސެންޓަރެއް ގާއިމުކުރެވިއްޖެނަމަ މި ރަށަށްވެސް ސަރަހައްދަށްވެސް ވަރަށް ބޮޑު ދިރުމެއް ލިބޭނެ. އެހެންކަމުން މި ރަށުގައި އެފަދަ މަރުކަޒެއް ގާއިމުކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވަނީ އިންޓަނޭޝަނަލް ކޮންފަރެންސްތައް ބޭއްވޭ ފަދަ ކޮންވެންޝަން ސެންޓަރެއް ދިގުރަށުގައި ގާއިމުކޮށްދީ، ގެދޮރުގެ ދަތިކަންވެސް ހައްލުކޮށްދޭން ވައުދުވެވަޑައިގެންފައެވެ.