ސާވޭއެއް ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އެދިއްޖެއެވެ.

ފުލުހުން ބުނީ، ދަރިވަރުންނަށް އަމާޒުކޮށް ސާވޭއެއް ކުރުމުގެ ނަމުގައި އެ ދަރިވަރުންގެ އައިޑީ ކާޑުގެ ކޮޕީ ބައެއް ފަރާތްތަކުން ހޯދަމުންގެންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ނަމަވެސް ރަސްމީ ލިޔެކިޔުންތަކުގައި ހިމެނޭ ޒާތީ މައުލޫމާތަކީ އެކިއެކި ސްކޭމްތައް ހިންގުމުގައާއި އައިޑެންޓިޓީ ތެފްޓް ފަދަ އެހެނިހެން ކުށްތަކަށް އަރައިގަތުމަށް ބޭނުން ކޮށްފާނެ މައުލޫމާތު ހިމެނޭ ލިޔެކިޔުންތަކަކަށްވާތީ އެފަދަ ތަކެތި އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން އެދިފައިވެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް އެހެން މީހުންގެ ނަންނަމުގައާއި އެހެން މިހުންގެ ފޮޓޯތައް ބޭނުންކޮށްގެން ވަގު އައިޑީ ހަދައިގެން ސްކޭމް ހިންގަމުންދާ އިރު، އެފަދަ އެކައުންޓުތަކުން ސްކޭމްތައް ހިންގާ ގިނަ އަދަދަކަށް ފައިސާ ފޭރިފައި އެބަހުއްޓެވެ.