ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް، ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫންގެ ޓީމާއެކު އެމްޑީޕީން މަޝްވަރާކޮށްފިއެވެ.
ފާރިސްއަކީ ފުރަތަމަ ބުރުގައި ހަ ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 2،979 ވޯޓެވެ. އެއީ ޕީޕީއެމް-ޕީއެންސީއާއެކު މިހާރު ކޯލިޝަން ހައްދަވާފައިވާ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނާޒިމަށް ލިބިވަޑައިގެންނެވި ވޯޓަށްވުރެ އިތުރު އަދަދެކެވެ. ނާޒިމަށް ލިބިވަޑައިގެންނެވީ 1،907 ވޯޓެވެ.
ފާރިސްގެ ޓީމުން އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވަނީ މިރޭގެ ވަގުތެއްގައެވެ. ފާރިސްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާއެވެ. އަދި އެމްޑީޕީގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން މެނޭޖަރު އަދި އަލިފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
ފާރިސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕާ ބައްދަލުކޮށް، ގައުމީ ސަލާމަތާއި އިގުތިސާދީ، އިޖުތިމާއީ އަދި ސިޔާސީ އިސްލާހަށް އޭނާގެ ސިޔާސަތުތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މިނިވަންކަން ކަށަވަރުކޮށްދީ، ޑިމޮކްރަސީ ހަރުދަނާކުރުމަށާއި، އިންސާފާއި ހަމަހަމަކަން އިތުރުކުރުމަށާއި، ގައުމީ ސަލާމަތާއި އެއްބައިވަންތަކަމާއި ހަމަޖެހުން ކަށަވަރުކުރުމަށް އެ ސިޔާސަތުތަކަކީ މުހިންމު ސިޔާސަތުތަކެއް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއާ ބައްދަލުކުރުމުގެ ކުރިން ފާރިސްގެ ޓީމުން ވަނީ މިއަދު ޕީޕީއެމް-ޕީއެންސީއާ ވެސް ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ވެސް އެ ސިޔާސަތުތައް ހިއްސާކޮށްފައިވާނެ ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ. އެ ބައްދަލުވުމުގައި ފާރިސްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދެވެ.
އެ މަޝްވަރާތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ ކުރިއަށްދިޔައީ ވަރަށް ޕޮޒިޓިވް މަޝްވަރާތަކެއް ކަމަށާއި ދެ ފަރާތުން ވެސް ހުށަހެޅުންތަކެއް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި އެކަމާ ނިންމުމެއް ނިންމިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ވަނީ 101,494 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ 45.99 ޕަސަންޓެވެ. ދެވަނައަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85،126 ވޯޓެވެ. އެއީ އިންތިހާބުގެ 39.02 ޕަސަންޓެވެ.
ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ޕީޕީއެމް-ޕީއެންސީ އަދި އެމްޑީޕީން ވަނީ ފާރިސްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު، މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާ ވެސް ބައްދަލުކުރައްވައިފައެވެ. ނަމަވެސް ކޯލިޝަން ހެދުމާ ބެހޭގޮތުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ޕީޕީއެމް-ޕީއެންސީން މިހާތަނަށް ކޯލިޝަން ހަދައިފައިވަނީ އެމްއެންޕީއާ އެކަންޏެވެ. އެމްޑީޕީއާއެކު ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދައިފައިވަނީ އެމްޑީއޭ އަދި އަދާލަތު ޕާޓީއެވެ.