މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވި ރާއްޖެއިން ބޭރުގެ އޮބްޒާވަރުންތަކަކަށް ފުރައްސާކުރި މައްސަލައިގައި ސިޔާސީ ޕާޓީއެއްގެ މަންދޫބަކާއި އޮބްޒާވަރަކު ސަސްޕެންޑުކޮށް، އެ މީހުން ހުއްދަ އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ވޯޓު ފޮށްޓާ ކައިރިއަށް ދިޔަ ކަމަށްބުނެ އިންޑިއާގެ ދެ އޮބްޒާވަރަކާ ދިމާލަށް މަންދޫބަކާއި އޮބްޒާވަރަކު ވަރަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔާ މަންޒަރު ފެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު އޮބްޒާވްކުރަން އައި އިންޑިއާގެ އޮބްޒާވަރުންނަށް ފުރައްސާރަކުރީ ދިވެހި އޮބްޒާވަރަކާއި މަންދޫބެއް ކަމަށާއި އެއީ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ.
އީސީން ބުނީ، މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެ ދެ މީހުންނަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރާއި ކުރިއަށް އޮތް ބޮޑު ދެ އިންތިހާބުގެ އެއްވެސް ކަމެއްގައި އެއްވެސް ހައިސިއްޔަތަކުން ހަރަކާތްތެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.
އެ ދެ މީހުންގެ ބަދަލުގައި އޮބްޒާވަރެއް އަދި މަންދޫބެއް ނެގުމުގެ ފުރުސަތު އެ ޕާޓީއަށް ދިނުމަށް ވެސް އީސީން ވަނީ ނިންމައިފައެވެ. ނަމަވެސް އެއީ ކޮން ޕާޓީއެއްގެ އޮފިޝަލުންތަކެއް ކަމެއް އީސީން ހާމަކޮށްފައެއް ނުވެއެވެ.