ދެކުނު އެމެރިކާ ޒޯނުން ވޯލްޑްކަޕަށް ކޮލިފައިވުމަށް ބްރެޒިލްއާއި ޕެރޫ ރޭ ކުޅުނު މެޗުގައި ބްރެޒިލްގެ ނޭމާރ ހިފެހެއްޓުމަށް ޕެރޫގެ ކަންވެރިން ލައްކަ ބޫގަލްތަކެއް ހަދައިފިއެވެ. ނޭމާރގެ ބުދުހަދައި އޭގެ އަތާއި ފައި ބަނދެ، ކަނުބަނދެ، ފެންމަތުރައި ކިޔެވެލި ކިޔަވައި މިޒާތަކުން ސަކަރާތްޖެހީ ނޭމާރއަށް ޕެރޫގެ ގޯލް ފޮރުވައި ފޯކަސް ގެއްލުވައިލުމަށެވެ.
ކަންވެރިންގެ ބުރަ މަސައްކަތުން ނޭމާރ ހިފެހެއްޓުނަސް ބްރެޒިލް ހިފަހައްޓައެއް ނުލެވުނެވެ. ޕެރޫގެ ވެރިރަށް ލީމާގައި ކުޅުނު މިމެޗު ބްރެޒިލް ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މެޗުގެ އެންމެފަހު ވަގުތުކޮޅުގެ ތެރޭގައި ބްރެޒިލްއަށް ލަނޑުޖަހައިދިނީ މާކީނިއޯސްއެވެ.
ދެކުނު އެމެރިކާ ޒޯނުން ވޯލްޑްކަޕަށް ކޮލިފައިވުމަށް އާޖެންޓީނާ އާއި ބޮލީވިޔާ ކުޅުނު މެޗު އާޖެންޓީނާވެސް ވަނީ އަންގާރަދުވަހުގެ ރޭ ތިނެއް ސުމަކުން ކާމިޔާބުކޮށްފައެވެ. މި މެޗުގައި ލިއޯ މެސީ ނުކުޅެއެވެ. ބޮލީވިޔާގެ ވެރިރަށް ލަޕާޒުގެ އުސްކަމާހުރެ އާޖެންޓީނާގެ ކުޅުންތެރިންނަށް ލައްކަ ގިނަ ތުރާތަކެއް ކުރިމަތިވިއަސް މި މެޗު މުޅިންކަހަލަ ގޮތަކަށް ކޮންޓްރޯލްކުރީ އާޖެންޓީނާއިންނެވެ.
ބްރެޒިލް އާއި އާޖެންޓީނާ މޮޅުވިއިރު އުރުގުއާއީ އާއި ޕެރަގުއާއީ ވަނީ ބަލިވެފައެވެ. އުރުގުއާއީ ބަލިވީ ރަށުން ބޭރުގައި އިކުއެޑޯރާއި ވާދަކޮށް ދޭއް އެކަކުންނެވެ. ޕެރަގުއާއީ ބަލިވީ ރަށުން ބޭރުގައި ވެނެޒުއެލާއާ ވާދަކޮށް އެކެއް ސުމަކުންނެވެ. ކޮލިފައިންގައި އަންގާރަދުވަހުގެރޭ ޗިލީ އާއި ކޮލަމްބިއާ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.