ދެހާސް ސޯޅަ ވަނަ އަހަރު، މާލޭގައި ހިންގި ގްރޫޕު މާރާމާރީއެއްގައި މ. ސަރުމާގޭ އުމުރުން 14 އަހަރުގެ ފާތިހު މުހައްމަދު އަލީ މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މިހާކު މެރުމުގައި އެހީތެރިވުމުގެ ދައުވާ ލިބޭ، އިރުފާން ރުޝްދީގެ ފަރާތުން ހުށަހެޅި ބައެއް ދިފާއީ ހެކިތައް ބަލައި ނުގަންނަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
ފާތިހު މަރާލާފައި ވަނީ، 2016 އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:00 ހާއިރު ސަރުމާގޭގެ ތެރޭގައި ބަޔަކު އޭނާއަށް ވަޅިއަކުން ހަމަލާ ދިނުމުން ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވައިފައެވެ. މިއަދުގެ އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށަހެޅި ކަންކަމާ ގުޅޭގޮތުން ގޮތެއް ނިންމުމެއް ބޭއްވި އަޑުއެހުމެކެވެ.
އިރުފާންގެ ފަރާތުން ވަނީ ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހެޅި ބައެއް ހެކިތައް ބަލައި ނުގަތުމަށެވެ. ނަމަވެސް ގާޒީ ނިންމެވީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތައް ބަލައިގަނެވޭނެ ކަމަށެވެ. ހެއްކާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ޝަރީއަތުގެ މަރުހަލާގައި ދިފާއަށް ލިބިގެންވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
އިރުފާންގެ ފަރާތުން ދެން ހުށަހަޅައިފައިވަނީ، ތަހުގީގު މަރުހަލާގައި ނަގާފައި ނެތް ދިފާއުތަކެއް ޝަރީއަތަށް ހުށަހެޅުމުގެ ފުރުސަތަކަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ތަހުގީގު މަރުހަލާގައި ނަގާފައިނުވާ ދިފާއަކަށް ޝަރީއަތުން ޖާގަ ނުދެވޭނެ ކަމަށެވެ. އިރުފާންގެ ފަރާތުން އެދިފައިވަނީ އޭނާގެ ކުށުގެ ވެށީގައި ނެތްކަން ސާބިތުކުރުމަށް ބައެއް މީހުންގެ ހެކި ބަސް ނަގައި ދިނުމަށެވެ. ނަމަވެސް އޭނާ ކުށުގެ ވެށީގައި ނެތްކަން ސާބިތުކުރަން ތަހުގީގު މަރުހަލާގައި އެކަން ފާހަގަކޮށްފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
އޭނާގެ ފަރާތުން ފުލުހުންގެ ކްރައިމް ސީން ރިޕޯޓްސް ތައްޔާރު ކުރާ އިރު، ވީޑިއޯ އެންޑް އިމޭޖު އެނަލިސިސް ހަދާ ގޮތް ވެސް ހޯދުމަށް އެދިފައެވެ. ނަމަވެސް ގާޒީ ވަނީ އެ ހުށަހެޅުން ބަލައިނުގަތުމަށް ނިންމައިފައެވެ.
ދައުލަތުގެ ހުށަހަޅައިފައިވަނީ މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅައިފައިވާ ހެކިންގެ ހެކިބަސް ސިއްރުކޮށް ދިނުމަށެވެ. އިރުފާންގެ މައްޗަށް ކުރާ ދައުވާއަކީ ޖިނާއީ ބޮޑު ކުށަކަށްވުމުން، އޭނާއާ އެއް ހާޒިރެއްގައި ހެކިބަސް ނަަގައިފިނަމަ ހެކިންނަށް އިގުތިސޯދީ އަދި ޖިސްމާނީ ގެއްލުމެއް ވުމުގެ ފުރުސަތު އޮތުމުން ގާޒީ ނިންމެވީ ސިއްރު ހެކިބަސް ނެގުމަށެވެ.
ދެން ދައުލަތުން އެދިފައިވަނީ މައްސަލައިގެ ތަހުގީގަށް ބައެއް މީހުން ދީފައިވާ ބަޔާންތައް ދައުވާ ލިބޭ ފަރާތަށް ނުދޭ ގޮތަށް ހަދައި ސިއްރު ކުރުމަށެވެ. އެ ހުށަހެޅުމުގެ ސަބަބުން އިރުފާނަށް ދައުވާއިން ދިފާއުވުމުގެ ހައްގަށް އުނިކަމެއް އައިސްދާނެތީ ގާޒީ ނިންމެވީ ޝަރީއަތް މެދުވެރިކޮށް، އެ ލިޔުންތައް ބެލުމުގެ ފުރުސަތު ދިނުމަށެވެ.
މިއަދުގެ އަޑުއެހުމުގައި އިބްތިދާއީ މަރުހަލާ ނިމިފައިވާތީ ދެން އޮންނާނީ މައްސަލައިގެ ޝަރީއަތް ފެށުމެވެ. ގާނޫނުގައިވާ ގޮތުން ޝަރީއަތް ފަށަން ޖެހޭނީ ދެ ފަރާތަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ. ނަމަވެސް ދެ ފަރާތުން ބޭނުންވާނަމަ ޝަރީއަތް ފެށުން އަވަސް ކުރާނެއެވެ. މި މައްސަލައަކީ ދުވަސްވެފައިވާ މައްސަލައަކަށްވުމުން ގާޒީ ވަނީ ޝަރީއަތް އަވަސް ކުރުމާމެދު އިއުތިރާޒެއް އޮތްތޯ އަހައިފައެވެ. ދައުލަތުން ވިދާޅުވީ އިއުތިރާޒެއް ނެތް ކަމަށެވެ.
އިރުފާންގެ ވަކީލު، އަލީ ޝާހު ވިދާޅުވީ، ދިފާއުން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ގާޒީ ނިންމެވި ނިންމުންތަކަކީ މި ގަރުނުގައި ކުރިމިނަލް ކޯޓުން ނިންމާނެ އެންމެ މޮޅު އަދި ހަރުކަށި ނިންމުން ކަމަށެވެ. ގާޒީ މި މައްސަލަ ކުރިއަށް ގެންދަވަނީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސެއިންގެ ޝަރީއަތަށް ވުރެ ހަރުކަށިކޮށް ކަމަށެވެ. މަރުގެ މައްސަލަތަކުގެ ތަޖުރިބާ މީގެ ކުރިން ވެސް ކުރިމިނަލް ކޯޓުގައި ވަކީލެއްގެ ހައިސިއްޔަތުން ހުންނާނެ ކަމަށާއި އެއިން އެއްވެސް މައްސަލައެއްގައި މިފަދަ ހަރުކަށި ނިންމުންތަކެއް ނިންމާފައިނުވާ ކަމަށެވެ.
ގާޒީ ނިންމެވުންތަކުގެ ސަބަބުން ދިފާއުގެ އަސާސީ ހައްގުތައް ގެއްލިފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ. ގާޒީ ނިންމެވުންތަކުގެ ސަބަބުން އިތުރަށް މަޝްވަރާތެއް ކުރަން ޖެހޭނެތީ ޝަރީއަތް ފެށުމާ ގުޅޭގޮތުން ވަކި ގޮތެއް ފަހުން އަންގާނެ ކަމަށެވެ.
މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް ޒިހުނީއެވެ.
ފުލުހުން މި މައްސަލައިގެ ތަހުގީގަށް އިރުފާން ފެނިފައިވަނީ ހޯދަމުންދާތާ ތިން އަހަރު ފަހުން، 2019 ވަނަ އަހަރުގެ 26 އޮކްޓޯބަރުގެ ރޭ ގދ. ތިނަދޫއާ 15 މޭލު ބޭރުން ޕެޓްރޯލް ހުސްވެގެން ހުއްޓުނު "ބްލޫ ވޭވް" ނަމަކަށް ކިޔާ ލޯންޗަކުންނެވެ. އެރޭ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
އޭގެ ކުރިން އިރުފާން ހޯދުމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ މަރު ކޮމިޝަނުންވެސް އިއުލާން ކުރިއެވެ.
ނަމަވެސް އެއަށްފަހު އިމިގްރޭޝަނުން ދިން މައުލޫމާތެއްގެ އަލީގައި އެ ކޮމިޝަނުން ބުނެފައިވަނީ، 2015 ވަނަ އަހަރު އޭނާ ރާއްޖޭން ބޭރަށް ދިޔަ ގޮތަށް ރާއްޖެ ނާންނަ ކަމަށެވެ.
އޭރު މަރު ކޮމިޝަންގެ އެންގުމަށް ފުލުހުން އޭނާ ހޯދަން އިއުލާނު ކުރީ ވެސް ފާތިހުގެ މަރުގެ މައްސަލައިގައި ސީސީ ޓީވީ ފުޓޭޖުން އޭނާ ފެންނަން ހުރުމުންނެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ހިންގި ސިލްސިލާ އެ މާރާމާރީތަކުގައި ވަނީ ފާތިހުގެ އިތުރުން އެހެން ކުޑަކުއްޖަކު ވެސް މަރުވެފައެވެ. އެ ދެ ކުދިން މަރާލާފައިވަނީ، އެ ކުދިން ހިންގި މާރާމާރީއެއްގެ ބަދަލު ހިފުމެއްގެ ގޮތުންނެވެ.