ޚަބަރު

ބޭބެ މަރާލި މަވާޒް 12 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

އިބްރާހިމް ޒަކީ

އައްޑޫ ސިޓީ މަރަދޫގައި ކަތުރެއް ހަރައި އެއްބަނޑު އެއްބަފާ ބޭބެ، އަހުމަދު ޝުއައިބު، 27، ބްލޫސްޓާ، މަރަދޫފޭދޫ މަރާލި ކަމަށް، އެއްބަސްވި އޭނާގެ ކޮއްކޮ ހުސައިން މަވާޒް، 25، ބްލޫސްޓާ 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

މަވާޒް ވަނީ އޭނާގެ ބޭބެ މަރައިލި ކަމަށް އެއްބަސްވެ، 31 އޯގަސްޓު 2023ގައި ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ކަން ހިނގާދިޔަ ގޮތް ރޮމުން ޝަރީއަތުގައި ކިޔައިދީ، ތަހުގީގުގައި ވެފައިވާ އިއުތިރާފު ދަމަހައްޓައިފައެވެ. ބޭބެއާ ދެމެދު ހިންގި މާރާމާރީއެއްގައި އޭނާ ބޭބެއަށް ހަމަލާދިނީ އިން އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުން ކަމަށާއި ހަމަލާ އަމާޒުވީ ބޭބެގެ ވާއަތު ކަރާ ދިމާލުން ތިރިއަށް މެއަށް ކަމަށް އޭނާ ބުނެފައިވެއެވެ.

މަވާޒްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މަވާޒް ވަނީ ތަހުގީގު މަރުހަލާގައި ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ. އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން މަވާޒަށް ކަނޑައަޅަން ދައުލަތުން ބޭނުންވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ އިއުތިރާފުވުމުން ކުށުގެ އަސާސީ އަދަބު ކަމަށްވާ ދިހަ އަހަރުން އެއް ދަރަޖަ ލުއިވުމާއި އޭނާގެ އިތުރު ކުށުގެ ރެކޯޑްތައް އޮތަތީ އާއި މީހެއް މަރުވުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގާފައިވުމުން އަސާސީ އަދަބުން ދެ ދަރަޖަ މަތިވުމުންނެވެ.

ކުރިމިނަލް ކޯޓުގައި މަވާޒް ބުނެފައިވަނީ އޭނާ ކުށަށް އިއުތިރާފުވާ ކަމަށާއި ބޭބެ މަރާލެވުމުން ދެރަވެ ހިތާމަކުރާ ކަމަށެވެ. އަދި ތައުބާވެފައިވާ ކަމަށާއި އެދެނީ ވީހާވެސް ލުއި އަދަބެއް ދިނުމަށް ކަމަށެވެ. އަދި ކުރިއަށްދާން ބޭނުންވަނީ އިއުތިރާފު އެއްބަސްވުމާއެކުގައި ކަމަށް ބުނެ ބޭބެ މަރާލި އިރު، ކަންކަން ހިނގާދިޔަ ގޮތް އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފައެވެ.

މަވާޒް ބުނި ގޮތުގައި ބޭބެ މަރާލީ، ބޭބެގެ ފޯނު އޭނާ ވިއްކާލުމުން ދެ ބެންގެ މެދުގައި އުފެދުނު އަރާރުމެއްގެ ތެރޭގައި ކަމަށެވެ. އަދި އަރާރުމުގެ ތެރެއިން އޭނާގެ ބޭބެ، އޭނާ ފާރާ ދިމާލަށް ކޮށްޕާލި ކަމަށާއި އެ ވަގުތު އޭނާގެ ޖީބުގައި އޮތް ތިން އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުން އޭނާގެ ބޭބެއަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ހަމަލާ ދެވުނީ ނާޒުކު ގުނަވަކަށްކަން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.

މަވާޒް ބުނި ގޮތުގައި ބޭބެއަށް ހަމަލާދިން ވަގުތު އޭނާ ހުރީ މަސްތުގެ ހާލުގައެވެ. އަދި ބޭބެ މަރުވިކަންވެސް އެނގުނީ ޖެހިގެން އައި ދުވަހު ކަމަށްވެސް ބުނެފައިވެއެވެ.

މަވާޒް ކުށަށް އިއުތިރާފުވުމުންނާއި އިއުތިރާފު އެއްބަސްވުން ދަމަހައްޓަން އޭނާ ބޭނުންވާތީ ގާޒީ ވަނީ އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންގޮސް އޭނާ ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ކަނޑައަޅުއްވައި އޭނާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ނިންމަވައިފައެވެ.

އެހެންކަމުން އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިސްގާޒީ އާދަމް މުހައްމަދު ވަނީ އޭނާގެ މައްޗަށް މިއަދު އިއްވަވައިފައެވެ.

އޭނާ ބަންދުގައި ހުރި މުއްދަތު (74 ދުވަސް) ހުކުމުން އުނިކުރުމުން ދެން އަންނަ އަދަބަކީ 12 އަހަރާއި ތިން މަހާއި 16 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ކައްފާރާ އަދާކުރުމުގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިދުމަށްވެސް ގާޒީ އޭނާއަށް ވަނީ އަމުރުކުރައްވައިފައެވެ.