މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 56 ޕަސަންޓް ލިބޭނެ ކަމަށް ބުނެވުމުން، މޮޅުވާނެ ކަމަށް ބަލައި ގިނަ ބަޔަކު ވޯޓުލާން ނުކުމެފައިނުވާ ކަމަށާއި އެކަމަށްޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ

ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީން މާލޭގެ ކާނިވާ ސަރަހައްދުގައި އެތައް ހާސް ބަޔަކާއެކު ބޭއްވި ބޮޑު ޖަލްސާގައި ފައްޔާޒް ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާ ވޯޓު 56 ޕަސަންޓަށް ވުރެ އެންމެ ތަންކޮޅެއްވެސް މަދު ނުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 39 ޕަސަންޓެވެ. ފުރަތަމަ ބުރުގައި 46 ޕަސަންޓާއެކީގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބީއަށް ފަހު އެމްޑީޕީން މިރޭ ބޭއްވި ފުރަތަމަ ހަރުގެ ޖަލްސާ ފައްޓަވަމުން ފައްޔާޒް ވަނީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވުމުގައި އޭނާ ބޮޑު ޒިންމާއެއް ނަގަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު 56 ޕަސަންޓުން މޮޅުވާ ވާހަކަ ދެންނެވީމާ ވަރަށް ގިނަ ބޭފުޅުން ވޯޓުލާން ނުގޮސް ތިބީ މޮޅުވާތީ. އެހެންވީމާ އެކަމަށް ތި އެންމެ ބޭފުޅުންގެ ކިބައިން މައާފަށް އެދެން. އާދެ އަޅުގަނޑުމެންނަށް އެ ނަންބަރު ލިބޭ. އެހެންނަމަވެސް މޮޅުވާތީ އަޅުގަނޑުމެންގެ ވަރަށް ގިނަ ވޯޓާސް ނުނިކުންނަވާ ކޮންމެހެން މޮޅުވެފައި އޮތް އެއްޗެއްވީމާ،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެހެން ބައިވަރު ސަބަބުތަކާ ހުރެވެސް، އެމްޑީޕީގެ 37،000 މެންބަރުން ވޯޓުލާން ނުނިކުންނަ ކަމަށެވެ. އެގޮތުން ރީ ރަޖިސްޓްރޭޝަންގައި ހުރި ދަތިތަކާއި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ހުރި ދަތިތަކާއި ވޯޓުލާ ގަޑި މަދުކޮށްފައި އޮތުމުން ދިމާވި ދަތިތައްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ނުލެވި އޮތް 3،7000 ވޯޓު، އެ ވޯޓުތައް ނެރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަނީ،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ކުރަން ހުރި މަސައްކަތްތައް ގިނަ ކަމަށާއި ކާމިޔާބީ އޮތީ އެމްޑީޕީގެ އަތްމަތީގައި ކަމަށެވެ. އަދި އަލުން އަނބުރާ އަނިޔާވެރިކަމަށްދާނެ ނިންމުމެއް މި މަހުގެ 30 ވަނަ ދުވަހު ނުނިންމެވުމަށް ފައްޔާޒް ވަނީ އިލްތިމާސްކުރައްވައިފައެވެ.