ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ރަނގަޅުކުރަން ޖެހޭ ކަންތައްތައް ސާފުކޮށް އެނގޭ ކަމަށާއި ދެން ނުކުންނަވާނީ ކުރިއަށްވުރެ ފޯރިއާއި ޖޯޝުގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 އެވެ. އަދި ތިންވަނައަށް ދިޔަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބު ހޯއްދެވީ 15،839 ވޯޓެވެ.
ކެމްޕޭން ހަރަކާތްތެރިންނާއެކު ރައީސް ސޯލިހު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ބޭނުންވާ ކަމެއް ނުވީމާ މާޔޫސްކަމާ ކުރިމަތިލާން ޖެހޭނެ ކަމަށާއި ނަމަވެސް މިހާރު އެ މާޔޫސްކަން މާޒީއަށް ދޫކޮށްލަވާފައިވާ ކަމަށެވެ.
"އަލުން މި ފެށީ 9 ޖުލައިގައި ކުރަން ފެށި މަސައްކަތް. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެ ބިރުވެރިކަމުގެ ތެރެއަށް، އެ ނާމާންކަމުގެ ތެރެއަށް އަނބުރާ ދާކަށް. ނަތީޖާ ނުކުތީ އެއްވެސް މީހަކު ބޭނުންވި ގޮތަކަށް ނޫން، އުންމީދުކުރި ގޮތަކަށް ނޫން. ރަނގަޅު ކުރަންވީ ކަންތައްތައް ވަރަށް ސާފުކޮށް އެނގޭ. އެކަން ބަލައިފި. ބަދަލުކުރަން ޖެހޭ ކަންތައްތައް ދެނެގަނެގެން އަލުން މި ނުކުންނަނީ ފޯރިއާއި ޖޯޝާއެކު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއަކީ މީގެ ކުރިން މިފަދަ އެތައް ތަޖުރިބާއެއް ކުރި ޕާޓީއެއް ކަމަށާއި ބައެއް ފަހަރު ކާމިޔާބާއި ނާކާމިޔާބީއާ ވެސް ކުރިމަތިލާފައިވާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ ނާކާމިޔާބާއެކު ވެސް ހިތްވަރާއެކު މަސައްކަތްކޮށްގެން ކާމިޔާބީ ހޯދި ޕާޓީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ޓީމު އޮތް ގޮތަށް މަސައްކަތްކުރެވިއްޖެއްޔާ ބޮޑުތަނުން ކާމިޔާބުކުރެވޭނެ. ފުރަތަމަ ބުރުގައި މި ފެނުނީ މިއިން ދުވަހަކު ވެސް ނުދެކޭ ވަރުގެ މަދުން ވޯޓުލާން ނުކުތް ތަން. މީގެ ކުރިން 88 ޕަސަންޓް، 87 ޕަސަންޓް އަދި 90 ޕަސަންޓް މީހުން ވަނީ ވޯޓުލާން ނުކުމެފައި. މިފަހަރު 80 ޕަސަންޓު ވެސް ވޯޓުލާން ނުނުކުމޭ. އަޅުގަނޑުމެންނަށް ތާއީދުކުރާ މީހުން ވެސް ވޯޓުލާން ނުނުކުތީ ކީއްވެތޯ ބަލަން ޖެހޭ. މިހާރު އެ ލިސްޓުތައް ހުރީ ތައްޔާރުކުރެވިފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފުރަތަމަ ބުރުގައި އަތުން ކައްސާލާފައި ހުރި ކަންތައްތައް ދެނެގަނެވިފައިވާ ކަމަށާއި އެހެންކަމުން ބޮޑު ތަފާތަކުން ދެވަނަ ބުރު ކާމިޔާބުކުރުމަކީ އުނދަގޫކަމެއް ނޫން ކަމަށެވެ. އަދި ކެމްޕޭން ޓީމުތައް އެކުލަވާލާފައި އޮތް ގޮތަށް ގެނައި ބަދަލާއެކު، ހިތްވަރާއެކު މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު