މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލައިގެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއެކުގައި މަސައްކަތް ކުރަން ނިންމީ، މުސްތަގުބަލު އުޖާލާ ކުރުމަށް ކަމަށް އެމްއެންޕީގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވައި އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމްއާއެކު މަސައްކަތްކުރަން ނިންމީ ފްރޭމްކުރި މައްސަލަ "އޯކޭ" ވުމުންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ނާޒިމް ވިދާޅުވީ، މާޒީއަށް ބަލައިގެން ވާނެކަމެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މާޒީއަށް ބަލައިގެން މިއަދު ކަމެއް ކުރެވޭކަށް ނޯންނާނެ. އެކަން އެ އޮތީ ވެފައި. ނުވާ ކަމަކަށް ނުވާނެ. އެހެންވީމާ އަޅުގަނޑުމެން އަބަދުވެސް މި ބަލަނީ މުސްތަގުބަލު އުޖާލާކޮށް އުޖާލާ ޒަމާނެއް ގެނެސްދިނުމަށް،" ނާޒިމް ވިދާޅުވިއެވެ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ޖެނުއަރީ މަހުގައި ނާޒިމް ދިރިއުޅުއްވި ގ. އެނިފްއިން ފިސްތޯލައެއް ފެނުނު މައްސަލައިގައި ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކުރުމުގެ ކުށުގެ ދައުވާކޮށް، ނާޒިމް 11 އަހަރަށް ޖަލަށްވެސް ލިއެވެ. ނާޒިމް މިނިވަންވީ އޭނާއަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމުންނެވެ.
ނާޒިމް ވަނީ އޭނާ ފްރޭމްކުރީ ރައީސް ޔާމިންގެ ރޭއްވެވުމެއްގެ ދަށުން، އެ މަނިކުފާނަށް އެނގިވަޑައިގެން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު