ކޯލިޝަން ހެދުމަށް ޕީޕީއެމް-ޕީއެންސީއާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްއިން ކުރާ މަޝްވަރާތައް ހުއްޓިފައިވާ ވާހަކަ އެ ޕާޓީން ދޮގުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 އެވެ. އަދި ތިންވަނައަށް ދިޔަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބު ހޯއްދެވީ 15،839 ވޯޓެވެ.

ޑިމޮކްރެޓްސްއާ ޕީޕީއެމް-ޕީއެންސީން ކުރި މަޝްވަރާތައް ޑިމޮކްރެޓްސްގެ ޝަރުތުތައް ގިނަކަމުން ހުއްޓިފައިވާކަމުގެ ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ.

އެކަމާ ގުޅިގެން "ވަން" އަށް މިރޭ މައުލޫމާތުދެއްވަމުން ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވާ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަަދު ޝިފާޒް (ޝިއްްޕެ) ވިދާޅުވީ، އެއްވެސް ހުށަހެޅުމެއް ޑިމޮކްރެޓްސްގެ ފަރާތުން މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މީގެ ކުރިން ޕީޕީއެމް-ޕީއެންސީއާ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމުންވެސް މިރޭ ވަނީ ޑިމޮކްރެޓްސްއާ ކުރާ މަޝްވަރާތައް ނުހުއްޓޭ ކަމަށް ބުނެފައެވެ.

ޕީޕީއެމް-ޕީއެންސީއަށް މިހާތަނަށް ތާއީދުކުރަން ނިންމާފައިވަނީ އެމްއެންޕީން އެކަންޏެވެ. ނަމަވެސް ޑިމޮކްރެޓްސްގެ ބާނީ ރައީސް ނަޝީދު މިއަދު ވަނީ، ރައީސް ސޯލިހާ ޑިމޮކްރެޓްސް ނުގުޅޭނެ ކަމަށް ވިދާޅުވެފައެވެ.