ގައުމީ އެއާލައިން މޯލްޑިވިއަން އިން އަންނަ އޮކްޓޫބަރު މަހުގެ 30 އިން ފެށިގެން ހަފުތާޔަކު ދެ ފުލައިޓް އިންޑިޔާގެ ބެންގަލޫރަށް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަން އިން މިއަދު ބުނީ، ފުލައިޓުތައް ބާއްވާނީ ހަފުތާގެ ހޯމަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. އެ ކުންފުނިން ބުނީ، އަންނަ މަހުގެ 30 އިން ފެށިގެން މި ދަތުރުތައް މާލެއިން ބެންގަލޫރަށް ފުރުން ހަމަޖެހިފައި ވަނީ ހެނދުނު 9:30 ގައި ކަމަށާއި ބެންގަލޫރަށް ދެވޭނީ 12:05ގައި ކަމަށެވެ. އަދި އިންޑިޔާގެ ބެންގަލޫރުން މާލެ އައުމަށް ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މެންދުރު 13:05 ކަމަށާއި މާލެ އައުމަށް ހަމަޖެހިފައި ވަނީ 14:40ގައި ކަމަށެވެ.

މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާ ބޯޓު ގަތީ މި މަހުގެ ތިން ވަނަ ދުވަހުގަ އެވެ. މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް، އަހުމަދު މުޝްއިލް ސޮބާހު "ވަން" އަށް އެ ދުވަހު ދެއްވި މައުލޫމާތުގައި ވިދާޅުވީ، އެ ކުންފުންޏަށް 45 ފަސިންޖަރުންގެ ޖާގައިގެ އޭޓީއާރް 600-42 މަރުކާގެ މުޅިން އާ ދެ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު ސޮއިކޮށްފައިވާ ކަމަށެވެ.

ގަން ދެ ބޯޓުގެ ތެރެއިން އެއް ބޯޓު އަންނަ ޑިސެމްބަރު މަހު ރާއްޖެ ގެންނާނެ ކަމަށާއި ދެވަނަ ބޯޓު ގެންނާނީ 2025 ވަނަ އަހަރު ކަމަށްވެސް މުޝިލް ވިދާޅުވިއެވެ. މޯލްޑިވިއަންގެ ފްލީޓުގައި ގެންގުޅޭ ޑޭޝް-8ގެ މަތިންދާ ބޯޓުތައް ބާވެ، އެ މަރުކާގެ ބޯޓުތައް އުފެއްދުން ހުއްޓާލާފައިވާތީ މޯލްޑިވިއަނުން ވަނީ އެ އެއާލައިންގެ މަތިންދާބޯޓުތައް އޭޓީއާރު މަރުކާގެ ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފައެވެ.

އެގޮތުން މޯލްޑިވިއަނުން ވަނީ އޭޓީއާރު މަރުކާގެ ތިން ބޯޓެއް ގެނެސް، އެ ބޯޓުތައް ބޭނުންކުރަން ވެސް ފަށައިފައެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އަށް އޭޓީއާރު މަރުކާގެ ތިން ބޯޓު ގަންނަން ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު ސޮއިކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ.