ޚަބަރު

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެ

ފާތިމަތު ލިޔުޝާ

ފުވައްމުލަކު ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ ސިޓީގެ ނައިބު ތުއްތު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަކަށް އަރައި ކަހާލައިގެން ވެއްޓި ހާދިސާއެއް ހިނގާފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން އެ ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އާދިއްތަ ވަނަ ދުވަހު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އޭނާއަށް އޭޑިކޭގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އޭނާ މަރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި މަރުވީ އެ ސިޓީގެ މިސްކިތްމަގު އަވަށު ދެބުދާރުގެ، އިސްމާއިލް ހަސަން 30، އެވެ.

އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެކެވެ. އަދި ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.