ޚަބަރު

މިއީ ނިޒާމީ ވޯޓަށް އަހަންވީ ވަގުތު: އިލިޔާސް

އިބްރާހިމް ޒަކީ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށްޓަކައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް މިއީ އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިލިޔާސް ލަބީބު މިއަދު ވިދާޅުވީ، އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ކޮންމެ އިންތިހާބެއްގައި މަސައްކަތް ކޮށްފައި ވަނީ، ވެރިކަމުގައި ހުންނަ މީހަކު ވެރިކަމުން ބޭލުމަށް، ނުވަތަ ވެރިކަން ބަދަލު ކުރުމަށް، ނުވަތަ އިންތިހާބުގައި ތިބި ކޮންމެވެސް ބަޔަކު މިނިވަން ކުރަން ކަމަށެވެ.

އެހެންކަމުން އިންތިހާބުގެ ވޯޓަށް އަންނައިރު ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓު ލުމުގެ ބަދަލުގައި، އޮންނަނީ މުޅިން އެހެން މަގުސަދެއް ހާސިލުކުރުން ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ހައްގުގައި އިންތިހާބުގެ ކަންކަން ކުރިއަށް ނުދާ ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންތައްތައް ތަންފީޒު ކުރުމަށް ވޯޓުދޭތަން ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި އޮންނަ ރިޔާސީ ނިޒާމުގައި އެއް ޕާޓީން ނިކުމެ ފުރަތަމަ ބުރުން އެއްވެސް ޕާޓީއަކަށް މިހާތަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭ ކަމަށާއި، މި ނިޒާމުގައި އަބަދުވެސް ޖެހެނީ ކޯލީޝަން ހަދަން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު މިއޮތް ރިޔާސީ ނިޒާމާބެހޭގޮތުން "މިވަގުތު ރައްޔިތުންނާ ހަމައަށް ފެންނަ ނުފެންނަ ވޯޓެއް ގެނައުން މުހިއްމު، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކުރިއަށް ދިއުމަކީ އެންމެ ފަހުގޮތް،" ކަމަސް އިލިޔާސް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުންހެން، ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން މުހިއްމު ކަން ފާހަގަ ކުރެއްވިއެވެ.

އެގޮތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، މިހާރު އޮތް ރިޔާސީ ނިޒާމަކީ ރާއްޖެ ހިންގޭނެ ނިޒާމެއް ނޫން ކަމަށެވެ. އެހެން ކަމުން ހުރިހާ ދިމާލަކުން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.