ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަފާނެ ކަމުގެ އިޝާރާތެއް، ދަ ޑިމޮކްރެޓްސް އުފެއްދެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
މިދިޔަ ފަސް އަހަރަށްވުރެ ބޮޑަށް ހަރުކަށި ފިކުރުގެ ގޮތްތައް ތަންފީޒު ކުރާނެ ސަރުކާރެއް ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމަށް އަތުވެދާނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެކަން ހާމަ ކުރައްވައި، މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، "ހަރުކަށި ފިކުރަށް ޖާގަދީ، އަދި އެ ގޮތްތައް މިދިޔަ ފަސްއަހަރަށް ވުރެ ވަކި ބޮޑަށް ތަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި" ކަމަށެވެ.
ޖަމިއްޔަތުއްސަލަފް ފަދަ ބައެއް ދީނީ ޖަމްއިއްޔާތައްކަށް އިޝާރާތް ކުރައްވައި، އެއީ ހަރުކަށި ފިކުރުގެ ބައެއްކަމަށް މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވައިފައެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ސަލަފް ޖަމްއިއްޔާއިން ތާއީދު ކުރެއްވީ، އިދިކޮޅު ޕީއެންސީގެ ކެނޑިޑޭޓް މާލޭ ސިޓީކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށެވެ. ސަލަފްގެ އިތުރުން 100 އަށްވުރެ ގިނަ ދީނީ އިލްމުވެރިން ވަނީ މުއިއްޒުއަށް ތާއީދު ކުރައްވާކަން ފާޅު ކުރައްވައިފައެވެ. މި އިންތިހާބަކީ އެމްޑީޕީން ވަކިވެ ވަޑައިގެން، ދަ ޑިމޮކްރޭޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައި، މުޅިން އާ ކެނޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލިޔާސް ލަބީބު އިންތިހާބަށް ނެރުވައިގެން ރައީސް ނަޝީދު މަަސައްކަތް ކުރެއްވި ފުރަތަމަ އިންތިހާބެވެ.
މި އިންތިހާބުން އިލިޔާސް ލަބީބު ވަނީ 15،528 ވޯޓާއެކު ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވައިފައެވެ.
މި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދެއްވި ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވީ 100،691 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85،260 ވޯޓެވެ. އެހެންކަމުން ދެވަނަބުރުގައި ވެސް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ މުއިއްޒު އަށެވެ. ނަމަވެސް ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރުމަށް، ދަ ޑިމޮކްރެޓްސް ތާއީދަކީ މުހިއްމު އެއްޗެކެވެ. އެހެންކަމުން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވި ވާހަކަށް ބަލާއިރު، އިންތިހާޞުގެ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރެއްވުމުގެ ފުރުސަތު ބޮޑެވެ.
ޑރ. މުއިއްޒުވެސް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ، ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އެހެން ޕާޓީތަކާއެކު ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން ދެވަނަ ބުރާމެދު އަދި ގޮތެއް ނުނިންމައެވެ.
އިންތިހާބުގައި ޑރ. މުއިއްްޒު އާއި ރައީސް ސޯލީހާއި އިލިޔާސް ލަބީބުގެ އިތުރުން، ދެން ތިއްބެވި ފަސް ކެނޑިޑޭޓުންގެ ތެރެއިން އަމިއްލަ ކެނޑިޑޭޓް އުމަރު ނަސީރަށް، 6،311 ވޯޓު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަށް 5،469 ވޯޓު، އަމިއްލަ ކެނޑިޑޭޓް ފާރިޝް މައުމޫނަށް 2،975 ވޯޓު އެމްއެންޕީގެ ކެނޑިޑޭޓް މުހައްމަދު ނާޒިމަށް 1،863 ވޯޓު އަދި އަމިއްލަ ކެނޑިޑޭޓް މުހައްމަދު ޒަމީލް އަށް 329 ވޯޓު ލިބިވަޑައިގެންފައިވެއެވެ.
މި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ލިބޭވަރަށް، ގާނުނުގައި ބުނާ އަދަދު ކަމަށްވާ ވޯޓުލި މީހުންގެ 50 ޕަސެންޓަށްވުރެ މަތިން ވޯޓު ލިބިފައި ނުވާތީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު