ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކާމިޔާބީ ފާހަގަކުރަން ޕީޕީއެމުން "ޝުކުރިއްޔާ ދިވެހިން" ނަމުގައި ހާއްސަ ރެލީއެއް ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމުން މިއަދު ބުނީ ފުރަތަމަ ބުރުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ބާއްވާ ހާއްސަ ރެލީއެއް އޮންނާނެ ކަމަށެވެ. ރެލީ އޮންނާނީ މިރޭ 8:45ގައި އާޓިފިޗަލް ބީޗް ސަރަހައްދުގައި ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެގޮތުން މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.

ދެން ތިއްބެވި ކެނޑިޑޭޓުންގެ ތެރެއިން ދަ ދިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގެންފައިވަނީ 6.93 ޕަސެންޓެވެ. އަމިއްލަ ކެނޑިޑޭޓް އުމަރު ނަސީރަށް ލިބިވަޑައިގެންފައިވަނީ 2.81 ޕަސެންޓް ވޯޓެވެ. ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންފައިވަނީ، 2.49 ޕަސެންޓެވެ. ދެން ހިމެނެނީ އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ފާރިސް މައުމޫމާއި ހަސަން ޒަމީލެވެ.

ގާނޫނު ބުނާގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ވާނީ ވޯޓުލާ މީހުންގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ލިބިގެންނެވެ. އެ އަދަދަށް ވޯޓު ނުލިބިއްޖެ ނަމަ، ނަތީޖާ ނެރޭނީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވައިގެންނެވެ.

ދެ ވަނަ ބުރަކަށް ދެ ކެނޑިޑޭޓުންވެސް ތައްޔާރުވަމުންދާ އިރު، އެހެން ޕާޓީތަކާ ކޯލިޝަން ހަދަން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މަޝްވަރާ ކުރައްވާނެ ކަމަށް އިއްޔެގެ ކާމިޔާބީއަށްފަހު މުއިއްޒު ވަނީ ވިދާޅުފައެވެ.

މީގެ އިތުރުން ރައީސް ސޯލިހުވެސް ވަނީ އިތުރު ބަޔަކާ އެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، މިމަހުގެ 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށެވެ.