އއ. ރަސްދޫ ވޯޓު ފޮށި ކައިރީ ތިބި ދެ މަންދޫބަކު މަގާމުން ވަކިކޮށްފިއެވެ.
އިލެކްޝަންޝް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް ވިދާޅުވީ، އެ ދެ މަންދޫބުން ވަކި ކުރީ އެ ކޮމިޝަންގެ އިގުރާރާ ހިލާފުވުމުން ކަމަށެވެ. އެ ދެ މަންދޫބުންގ ބަދަލުގައި އެހެން ދެ މީހަކު މަންދޫބު ކަމަށް ހަމަޖައްސާފައިވާ ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ 8:00 އިން ފެށިގެން ވޯޓުލުން ފަށާފައިވާ އިރު، ހަވީރު 4:00 ގައި ވޯޓު ފޮށިތައް ދަށުގައި ކިޔު ނެތް ފޮށިތައް ބަންދު ކުރާނެ ކަމަށެވެ. ނަމަވެސް ފޮށިދޮށުގައި ވޯޓުލާން ކިއު އޮތް ނަމަ، 4:00 އިން ފެށިގެން އެ ކިއު ބަންދުކޮށް، ވޯޓު ފޮށި ބަންދު ކުރާނީ ކިއުގައި ތިބި މީހުން ވޯޓުލައި ނިމުމުން ކަމަށްވެސް ބުންޏެވެ. އެއަށްފަހު ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރާތާ، 30 މިނެޓު ފަހުންނެވެ.
ފަހުން ވޯޓުލާން މަޑުނުކޮށް އަވަހަށް ވޯޓު ލުމުގެ ކަންކަން ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގުލި ބިފައިވަނީ 282،395 މީހުންނަށެވެ. މީގެ ތެރޭގައި އަލަށް ވޯޓުލާ 27000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. ވޯޓު ލުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި މިފަހަރު ވަނީ ބަހައްޓައިފައެވެ.
ރާއްޖޭން ބޭރުގެ ފަސް ގައުމެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯ އާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީއެވެ. އަދި 65 ރިސޯޓަކާއި ފަސް ޖަލެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
ވޯޓު ލުމުގެ ކަންކަން ހަވީރު ހަތަރެއްގެ ފަހުން ނިމި ވޯޓު ފޮށިތައް ގުނަމުން އަންނަ ވަރަކަށް، ނަތީޖާ އިއުލާންކުރަމުން ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ވަގުތެއްގައި އިންތިހާބުގެ ވަގުތީ ނަތީޖާއަކާ ހަމައަށް ދެވޭނެއެވެ.
މި އިންތިހާބަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބެއްގައި ވާދަކުރާ އިންތިހާބެވެ. އިސްލާހު ކުރި ގާނޫނުއަސާސީއާ އެކު 2008 ވަނަ އަހަރު ރާއްޖެއަށް ތައާރަފުވި މަލްޓި ޕާޓީ ނިޒާމަށްފަހު، މިއަދު ބާއްވާ ހަތަރު ވަނަ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަ ކުރެއެވެ.
އޭގެ ތެރޭގައި ހިމެނެނީ، ފަސް ސިޔާސީ ޕާޓީއަކުން ވާދަކުރައްވާ ފަސް ކެނޑިޑޭޓަކާއި އަމިއްލަގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންނެވެ.
އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން:
ކެންޑިޑޭޓު ނަންބަރު 1: އަމިއްލަ ގޮތުން / އުމަރު ނަސީރު
ކެންޑިޑޭޓު ނަންބަރު 2: އަމިއްލަ ގޮތުން / ޙަސަން ޒަމީލް
ކެންޑިޑޭޓު ނަންބަރު 3: އެމްޑީޕީ/ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)
ކެންޑިޑޭޓު ނަންބަރު 4: ޕީއެންސީ / ޑރ. މުޙައްމަދު މުޢިއްޒު
ކެންޑިޑޭޓު ނަންބަރު 5: ޖުމްހޫރީ ޕާޓީ / ޤާސިމް އިބްރާހިމް
ކެންޑިޑޭޓު ނަންބަރު 6: އަމިއްލަ ގޮތުން / ފާރިސް މައުމޫން
ކެންޑިޑޭޓު ނަންބަރު 7: ދަ ޑިމޮކްރެޓްސް/ އިލްޔާސް ލަބީބް (އިއްލި)
ކެންޑިޑޭޓު ނަންބަރު 8: އެމްއެންޕީ/ ކާނަލް މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް)
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު