އެމްޑީޕީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބުގައި ވޯޓު ލައްވައިފިއެވެ.
ނަޝީދު ވޯޓު ލައްވައިފައިވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ފޮށްޓަށެވެ.
ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ މިއީ ވަރަށް މުހިންމު ވޯޓު ކަރުދާސްކޮޅެއް ކަމަށާއި އިންތިހާބުގައި ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"ވަރަށް ވިސްނުންތެރިކަމާއެކީގައި ކޮންމެ ބޭފުޅެއްވެސް ވޯޓުގެ ކަންތައް ނިންމަވާލަން ޖެހެނީ،" ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނާޒިމާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ކަމަށްވާ އުމަރު ނަސީރު އަދި ހަސަން ޒަމީލް ވެސް ވަނީ ވޯޓު ލައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް ވަނީ 12.81 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓު ލައިފައެވެ. މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ. މީގެ ތެރޭގައި އަލަށް ވޯޓުލާ 27،000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. ވޯޓު ލުމަށްޓަކައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި މިފަހަރު ވަނީ ބަހައްޓައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ 8:00 އިން ފެށިގެން ވޯޓުލުން ފަށާފައިވާ އިރު، ހަވީރު 4:00 ގައި ވޯޓު ފޮށިތައް ކައިރީގައި ކިޔު ނެތް ފޮށިތައް ބަންދު ކުރާނެ ކަމަށެވެ. ނަމަވެސް ފޮށި ކައިރީގައި ވޯޓުލާން ކިއު އޮތް ނަމަ، 4:00 އިން ފެށިގެން އެ ކިއު ބަންދުކޮށް، ވޯޓު ފޮށި ބަންދުކުރާނީ ކިއުގައި ތިބި މީހުން ވޯޓުލާ ނިމުމުން ކަމަށްވެސް ބުންޏެވެ. އެއަށްފަހު ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރާތާ، 30 މިނެޓު ފަހުންނެވެ.
ފަހުން ވޯޓުލާން މަޑުނުކޮށް އަވަހަށް ވޯޓުލުމުގެ ކަންކަން ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ވޯޓުލުމުގެ ކަންކަން ހަވީރު ހަތަރެއްގެ ފަހުން ނިމި ވޯޓު ފޮށިތައް ގުނަމުން އަންނަ ވަރަކަށް، ނަތީޖާ އިއުލާންކުރަމުން ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ވަގުތެއްގައި އިންތިހާބުގެ ވަގުތީ ނަތީޖާއަކާ ހަމައަށް ދެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު