އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އޭނާގެ ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވޯޓު ލައްވައިފިއެވެ. ދެ ބޭފުޅުންވެސް ވޯޓު ލެއްވީ ތާޖުއްދީނުގައި ހުރި ވޯޓު ފޮއްޓަށެވެ.

ވޯޓު ލެއްވުމަށް ފަހު މީޑިއާއާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ކޮންމެ މީހަކުވެސް އެ މީހެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހަވީރު ހަތަރެއް ޖަހަންދެން މަޑުނުކޮށް ވީހާވެސް އަވަހަށް ވޯޓުލުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށް އެދިވަޑައިގެންނެވިއެވެ.

ޕީޕީއެމް/ ޕީއެންސީ ހިމެނޭ ކޯލިޝަންގެ ކެންޑިޑޭޓްގެ ގޮތުގައި، މުއިއްޒު ރިޔާސީ އިންތިހާބަށް ނުކުންނެވީ، ކޮރަޕްޝަނާއި މާނީ ލޯންޑައިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދު ޔާމީން އަބްދުލްގައްޔޫމަށް އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވުމުންނެވެ.