Close
ބޭރު ކުޅިވަރު

ވާދަވެރިކަން ނިމިއްޖެ، މެސީއަށް އިހުތިރާމް ކުރަންޖެހޭ: ރޮނާލްޑޯ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ ދެމެދު އޮތް ވާދަވެރިކަން މިހާރު ނިމިއްޖެ ކަމަށާއި، މެސީއަށް ފުރިހަމައަށް އިހުތިރާމުކުރަން ޖެހޭ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯއާއި މެސީގެ ވާދަވެރިކަމަކީ ފުޓުބޯޅައިގެ އެންމެ ޒަމާންވީ، އެންމެ ޝައުގުވެރި އެއް ވާދަވެރިކަމެވެ. މިދިޔަ 15 ވަރަކަށް އަހަރު މެސީއާއި ރޮނާލްޑޯ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އަބަދުހެން ވާދަކުރަމުން ގޮސްފައިވާ އިރު، ދެ ކުޅުންތެރިންނަށްވެސް ވަނީ ބެލޮންޑިއޯ ގިނަ ފަހަރުތަކެއް މަތިން ހާސިލުކޮށްފައެވެ. މެސީ ކެރިއަރުގައި ހަތް ފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ އިރު، ރޮނާލްޑޯ ވަނީ ފަސް ފަހަރު އެ މަގާމު ހޯދައިފައެވެ.

ދެ ކުޅުންތެރިން ފުޓުބޯޅައިގެ ތާރީހު ލިޔެލައި، ސަޕޯޓަރުންގެ ބޮޑު ލޯތްބެއް ހޯދާފައިވެއެވެ. އެ ދެ ފޭން ބޭސްގެ މެދުގައި ބޮޑެތި ޒުވާތަކެއް އަބަދުހެން ހިނގަމުންދާ އިރު، ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔަކު ކަނޑައަޅަން މިހާރުވެސް ދަނީ ބަހުސް ކުރެވުމުންނެވެ. ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ރޮނާލްޑޯއާއި މެސީ ސްޕެއިން ލީގުގައި ފެނިގެން ގޮސްފައިވާ އިރު، ދެ ކުޅުންތެރިންވެސް ޔޫރަޕްގެ ކެރިއަރު ނިންމައި މިހާރު ވަނީ އެހެން ބައްރުތަކަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ރޮނާލްޑޯ މިވަގުތު ކުޅެމުން ދަނީ ސައުދީ ލީގުގެ އަލް ނަސްރަށެވެ. މެސީ މި ސީޒަނަށް ގޮސްފައިވަނީ އެމެރިކާ ލީގުގެ އިންޓި މިއާމީއަށެވެ.

"ރޮނާލްޑޯ ދެކެ ގަޔާވާ މީހުންވެސް މެސީއަށް ނަފުރަތު ކުރާކަށް ނުޖެހޭ. މި ދެމީހުން ފުޓުބޯޅައިގެ ތާރީހު ބަދަލުކޮށްލާފައި މިވަނީ. އަދި ވަރަށް ބޮޑަށް އިހުތިރާމުވެސް ލިބިފައި މިވަނީ މިހާރު. ވާދަވެރިކަން އެ ބުނާ ނަފުރަތުގެ ތެރެއިން އަހަންނަކަށް ނުފެނޭ. އަހަރެމެން 15 އަހަރު ވަންދެން އެ ޕްލެޓްފޯމެއް ޝެއާ ކޮށްފިން. އަހަރެމެންނަކީ ގާތް އެކުވެރިން ނޫން ނަމަވެސް، އަހަރެމެން އެކަކު އަނެކަކަށް އިހުތިރާމް ކުރަން،" ރޮނާލްޑޯ، މެސީއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބުންޏެވެ.

ދެ ކުޅުންތެރިންވެސް އަދި ގައުމީ ޓީމަށް ކުޅެމުންދާ އިރު، މިވަގުތު ޕޯޗުގަލުން ރޮނާލްޑޯއާއެކު ތައްޔާރު ވަނީ ޔޫރޯ 2024 ގެ ކޮލިފިކޭޝަނަށެވެ. މެސީ އާޖެންޓީނާއާއެކު ހުރީ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކަށް ހުސްވެގެންނެވެ.