މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު އެންމެނަށް އަންނަ ނޮވެންބަރު މަހު ފަސްވަނަ ދުވަހު ކުރިން ގޯތި ހަވާލުކޮށް ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުން އިއްޔެ ވަނީ ގުޅިފަޅުން ގޯތި ލިބުން މީހުންނަށް އެތަނުން އިން ވަކިކޮށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފަށައިފިއެވެ. އެގޮތުން އިއްޔެ ވަނީ 26 ގޯއްޗެއްގެ އިން ވަކިކޮށް، އެ ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފައެވެ.

އެކަން ފެށުމުގެ ގޮތުން ގުޅިފަޅުގައި އިއްޔެ ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގޯއްޗާއި ފްލެޓް ދޭނެ ފަރާތްތަކަށް ކަނޑައެޅުމަށް އުފައްދާފައިވާ "ގެދޮރުވެރިންގެ ކޮމިޓީ"ގެ މެމްބަރު މުހައްމަހު އާރިފް ވިދާޅުވީ، ގުޅިފަޅުން ކުރިން ހިއްކާފައި އޮތް ބިމާއި އަލަށް ހިއްކި ބިމުން 450 ގޯތި ދޫކުރާނެ ކަމަށެވެ.

އަދި ގޯތި ކެނޑުމުގެ މަރުހަލާ ކުރިއަށް ގެންދަނީ ގޯތި ހައްގުވާ ފަރާތާއެކު ކަމަށްވާތީ އަންނަ ނޮވެންބަރު މަސް ފެށުމުގެ ކުރިން ނުވަތަ ފެށޭ ހިސާބުގައި ގޯތީގެ އިންވަކިކޮށް ހައްގުވެރިންނަށް ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާރިފް އިތުރަށް ވިދާޅުވީ، ގުޅިފަޅުގައި ގެ އިމާރާތް ކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގުޅިފަޅުން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ގުޅިފަޅަކީ ހިއްކާފައި އޮތް ބިމެއް. އެހެންކަމުން މިތަނުގައި މީހުން ދިރިއުޅުމުގެ ކުރިން ފެނާއި ނަރުދަމާ، ސްކޫލް އަދި ސިއްހީ ހިދުމަތުގެ އިތުރުން މުޅިން އަލަށް ދިރިއުޅުން އާބާދުކުރާ ރަށަކަށް ބޭނުންވާނެ ވަސީލަތްތައް ގާއިމުކުރުމަށް އެޗްޑީސީއާއި މިނިސްޓްރީއާ މަޝްވަރާކޮށް އެކަމަށް ހައްލު ލިބޭނެ އިންތިޒާމު ވީހާވެސް އަވަހަށް ހައްލުކުރެވޭނެ މަގެއް ހޯދަމުން މިދަނީ،" އާރިފް ވިދާޅުވިއެވެ.

"ބިންވެރިޔާ' ސްކީމުގެ ދަށުން 18،955 މީހަކަށް ގޯތި ލިބެއެވެ. އެއީ 9،001 ގޯއްޗެވެ. މި ދައުރު ނިމުމުގެ ކުރިން އެ އެންމެންނަށްވެސް ގޯތި ދީ ރަޖިސްޓަރީ ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނާއިރު، ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގީ މިދިޔަ މަހުގެ 15 ވަނަ ދުަވަހުއެވެ.