ތެޔޮ ބޯޓަކުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓޮން، (35އ)ގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ގދ. ތިނަދޫ/ މަނާރު، މުހަައްމަދު ނިޒާމު (45އ) އަށް، ދިފާއީ ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން ދީފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ލިޓޮންގެ މަރުގެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ފަށައިފައެވެ. އޭނާއަށް ދިފާއީ ވަކީލަކު އަދި ހަމަޖެހިފައިނުވާތީ ދައުލަތުން ވަނީ އިބްތިދާއީ މަރުހަލާގެ އަޑުއެހުން ކުރިއަށް ގެންދިޔުމަށް އިއުތިރާޒުކޮށްފައެވެ. ނިޒާމުގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށަކަށްވެފައި އޭނާގެ ވަކީލަތު ނެތުމުން ދައުލަތުން އެދުނީ ނިޒާމަށް ވަކީލަކު އައްޔަންކުރެވުނީމަ މައްސަލައިގެ ޝަރީއަތް ބޭއްވުމަށެވެ.
މި މައްސަލަ ބައްލަވަނީ ގާޒީ މުހައްމަދު މިސްބާހުއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވަގުތެއްގައި ފިއުލް ޕަވާ ކުންފުނީގެ "ހޭދަކުރި" ދޯނީގައި ލިޓޮން އަދި ނިޒާމު ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު ކަނޑުމައްޗަށް ގެއްލިގެން ރިޕޯޓުކޮށްފައި ވަނިކޮށް ނިޒާމް ވަނީ މާލޭގައި އުޅެނިކޮށް ހައްޔަރުކޮށްފައެވެ. އެކަމަކު ލިޓޮން ފެނިފައެއް ނުވެއެވެ.
ނިޒާމް ހައްޔަރުކުރީ ލިޓޮން މަރާލިކަމުގެ ތުހުމަތުގައެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ނިޒާމު، ލިޓޮން މަރާލާފައިވަނީ އޭނާއަށް ނޭނގި ހުއްޓައި ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮށްޕައި ވައްޓާލައިގެން ކަމަށެވެ. އެކަން ހިނގީ 28 ޑިސެމްބަރު 2022 ރޭ 7:00 އާއި 8:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށްވެސް ބުނެފައިވެއެވެ.
އެ މައްސަލައިގައި ނިޒާމުގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައިފައެވެ. އެއީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އާއި ވައްކަމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިނުން މުއާމަލާތްކުރުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ، 35 އަހަރު ދުވަހަށް ވުރެ ބޮޑު ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.
ވައްކަންކުރުމުގެ ކުށުގެ ދައުވާ ނިޒާމުގެ މައްޗަށް ކުރީ "ހޭދަކުރި" ދޯނީގައި ހުރި ލިޓޮންގެ 51،000 ރުފިޔާ އޭނާ ވަގަށް ނަގާފައިވާތީއެވެ. ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އުފުލީ ލިޓޮން ގެއްލުނު މައްސަލައިގެ ތަހުގީގު ތެރެއިން ނިޒާމު ދިރިއުޅޭ ގެ ކަމަށްވާ މއ. ޝާދީވިލާ ބަލައިފާސްކުރުމުގެ ތެރެއިން 3.2 ގްރާމް ޑައިމޯފިން ފެނިފައިވާތީއެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ނިޒާމު މަސްތުވާތަކެތި ގަނެފައިވަނީ ދޯނިން ވަގަށް ނެގި ފައިސާއިން ކަމަށް ތުހުމަތުކުރެވެއެވެ.
ނިޒާމު ފުރަތަމަ ހައްޔަރުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. ދައުލަތުން ޝަރީއަތުގައި އެދިފައިވަނީ ނިޒާމު ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ. ނިޒާމުގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅައިފައިވެއެވެ. އެގޮތުން ތަހުގީގު މަރުހަލާގައި އޭނާ ވެފައިވާ އިގުރާރާއި ހެކީންގެ ބަޔާންތަކާއި ސީސީޓީވީ ފުޓޭޖް ސްނެޕް ޝޮޓްތަކެއް ހުށަހަޅައިފައިވެއެެވެ.
ނަމަވެސް ނިޒާމްގެ ފަރާތުން ވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރުގެ ހެކި ގަރީނާ ނެތް ކަމަށް ބުނެފައެވެ. އެގޮތުން ކުށުގެ އަމަލު ހިންގި ގޮތް ދައުލަތަށް ބުނެ ނުދެވޭ ކަމަށާއި ލިޓޮންއަކީ މަަރުވެފައިވާ ފަރާތެއްކަން އަދި ސާބިތުނުވާ ކަމަށް ބުނެފައިވެއެވެ.